twitterviber whatsapp telegramfacebookyoutube instagram
24th April 2024

ލައިފް ޖެކެޓް އެޅުން މަޖްބޫރުކޮށް ގަވައިދު އިސްލާހްކޮށްފި

މުޙައްމަދު އަހުމަދު
Nov 2, 2021

ކަނޑު ދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން މަޖްބޫރުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު އިސްލާހް ކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގަވާއިދަށް ބަދަލު ގެނެސް ގެޒެޓްކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ. ގަވާއިދުގައިވާ ގޮތުން ދިގުމިނުގައި 30.5 ފޫޓް ހުންނަ ނުވަތަ އެއަށް ވުރެ ކުދި އުޅަނދުތަކުގައި ދަތުކުރާއިރު ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމެކެވެ.

ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގެ ތެރެއިން ވަށައިގެން ބަންދުކޮށްފައިވާ އުޅަނދުތަކުގައި ދަތުރުކުރާއިރު ލައިފް ޖެކެޓް ހުންނަން ވާނީ ޕަސިންޖަރުންގެ އަތުގައި ކަމަށެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި މޫސުން ގޯސްވެގެން އެކި އެލާޓްތައް ނެރެފައިވާ ވަގުތުތަކުގައި ފަސިންޖަރުން އުފުލުން ވަނީ މަނާކޮށްފަ އެވެ. ނުވަ މީޓަރުން ފެށިގެން ކުރު އުޅަނދުތަކުގައި ދަތުރުކުރުމަކީ ޔެލޯ އެލާޓާއި އޮރެންޖް އެލާޓް އަދި ރެޑް އެލާޓް ނެރެފައިވާ ހާލަތްތަކުގައި މަނާ ކަމެކެވެ. އެ ހާލަތުގައި އެވަރުގެ ކުދި އުޅަނދުގައި ޕަސިންޖަރުންނާ ނުލައި ވެސް ކަނޑަށް ނުކުތުމަކީ މަނާކަމެކެވެ. ނަމަވެސް އިމެޖެންސީ ދަތުރުތައް ހުއްދައާއި އެކު ކުރެވޭނެ އެވެ.

މި ކަންކަމާއި ހިލާފުވާ ފުރަތަމަ ފަހަރު އަދަބަކީ 15000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު ތިން މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ނަމަ ޖޫރިމަނާކުރުމާއި އެކު އެއް އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދާއި ހިލާފުވެގެން ލައިސަންސް ހިފަހައްޓައިފިނަމަ ކުރި ކުށުގެ ތަފްސީލު ލައިސަންސްގައި ހިމެނުމުގެ އިތުރުން އަދި ލައިފްޖެކެޓް އެޅުވުން ލާޒިމްކުރުމާއި ހިލާފަށް އަމަލުކޮށްފި ނަމަ ކެޕްޓަނުގެ އިތުރުން އުޅަނދުގެ ވެރިފަރާތް 20000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355