އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެވެ. މާލޭގެ އަމާންކަން ނަގާލީ އެރޭ 3.30 ހާއިރު ގައުމަށް ގައްދާރުވި ދިވެހިންތަކެއް ލަންކާގެ ތަމަޅަ ގްރޫޕަކާއި ގުޅިގެން މާލެއަރާ ދިވެހިރާއްޖޭގެ ސިފައިންގެ މައިމަރުކަޒަށް ދޭން ފެށި ކުއްލި ބަޑީގެ ހަމަލާތަކުންނެވެ.
އެދުވަހު ދިވެހި 8 ސިފައިންނާއި 11 ދިވެހިން ޝަހީދުވި އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަލާ އެވެ. އެދުވަހަށް މިއަދު 33 އަހަރު ފުރުނުއިރު ވެސް އެއީ ދިވެހިންގެ ހަނދާނުން ފިލައިގެންނުދިޔަ ދުވަހަކެވެ.
ދިވެހި ފަސްގަނޑާއި ދިވެހި ގައުމުގެ ހިމާޔަތުގައި އެދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރާ ކެރުމަކީ މިއަދު ދިވެހިން އެކަމަށް ޝުކުރުވެރިވާ އަދި އެހާމެ ފަހުރުވެރިވާ ކަމެކެވެ. އެދުވަހުގެ ހަމަލާގައި ޝަހީދުވި ބަތަލުންގެ ތެރެއިން އެންމެ ފާހަގަވި ބަތަލަކީ ކުޅުދުއްފުށީ މާވާގެ ޝަހީދު ހުސެއިން އާދަމެވެ. އެއީ އެބަތަލަކަށްޓަކައި މުޅި ދިވެހި ގައުމާއި ވަކިން ހާއްސަކޮށް ކުޅުދުއްފުށި ފަހުރުވެރިވާ ބަތަލެކެވެ.
ސިފައިންގެ ތާރީހު ލިޔާ ކޮމެޓީގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މީޑިއާ އެންޑް ޕަބްލިޝިންގ ސާވިސަސްއިން ޗާޕުކޮށް ނެރުނު ފޮތެއްގައިވެ އެވެ. ސިފައިންގެ މައިމަރުކަޒަށް ހަމަލާދިން ވަގުތު އެމަރުކަޒުގެ މައިގޭޓުގައި ޓާސްކް ފޯސް ޑިއުޓީގައި ތިއްބެވި ދެބޭކަލުންގެ ތެރެއިން އެއްބޭކަލަކީ ޕްރައިވެޓް ހުސެއިން އާދަމް އެވެ. މިމަގާމުގައި ފިސާރި ސާބިތުކަންމަތީ ހުންނަވައިގެން ޕްރައިވެޓް ހުސެއިން އާދަމް ދުސްމިނުން ދެމުންގެންދިޔަ ބަޑީގެ ނުރައްކާތެރި ހަމަލާތަކުން ސިފައިންގެ މައިމަރުކަޒު ދިފާއުކުރެއްވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް އެހަމަލާއިން ޕްރައިވެޓް ހުސެއިން އާދަމްގެ ހަށިގަނޑުގެ އެތައް މިތަނަށް ވަޒަން އަރައި ޝަހީދުވި އެވެ.
މިއަދު ނަސްރުގެ ދުވަހުގެ ހަނދާންތައް ހުރިހާ ދިވެހިންވެސް އާކުރަމުންދާ މިދަނޑިވަޅުގައި ޒުވާން ކުޅަދާނަ ފޮޓޯގްރާފަރު ނައުޝަމް ވަހީދު ސޯޝަލް މީޑީއާއަށް ދޫކޮށްލާފައި މިވަނީ ވަރަށް ވެސް ތާރީހީ ފޮޓޯގަނޑެކެވެ. މިފޮޓޯއިން ފެނިގެންދަނީ ޝަހީދު ހުސެއިން އާދަމްގެ މަންމައާއި ބައްޕަގެ ޝަހީދު ހުސެއިން އާދަމްގެ ފްރޭމަކަށް ލައިފައިވާ ފޮޓޯގަނޑެއް ހިފަހައްޓައިގެން ތިބި މަންޒަރެކެވެ.
މިފޮޓޯގަނޑާއަކު ނައުޝަމް ވަނީ ހުސެއިން އާދަމްގެ ބައްޕައާއި މަންމަގެ ބަސްކޮޅެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. ނައުޝަމް ލިޔެފައިވާ ގޮތުގައި ޝަހީދު ހުސެއިން އާދަމްގެ މަންމަ ވަނީ އެދުވަހުގެ ކަންތައްވީ ގޮތް ވަރަށް ރީއްޗަށް ކިޔައިދީފަ އެވެ. މަންމަ ބުނިގޮތުގައި ހުސެއިން އާދަމް ކުޑައިރުގެ ގިނަ ވަގުތު ހޭދަކުރީ އުކާ ތީރު ހެދުމުގައްޔާއި ހަނގުރާމަވެރި މައިދާނީ ޑްރާމާތައް ކުޅުމުގަ އެވެ. އެހެންކަމުން އޭނާ ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ގުޅުމަކީ ހައިރާންވި ކަމެއް ނޫންކަމަށެވެ.
އެހެންނަމަވެސް މަންމަ ބުނީ އެދުވަސް އަންނާނެކަމަށް އެއްވެސް ވަރަކަށް ހިތަށް ނުގެނެވޭ ކަމަށެވެ. އޭނާ ބުނީ މުޅި ރަށުގައި އޮތީ ހާސްކަން އުފެދި ބޮޑު ކަމަކަށްވެފައިކަމަށްވީ ނަމަވެސް އޭނާ ހުރީ ވާނުވާގައި ކަމަށެވެ. އުދަނގޫތަކެއް ވާން ފެށުމުން އޭނާގެ ފިރިމީހާ ގާތު އެހުމުން އޭނާއަކަށް ވެސް ވެގެން އުޅޭ ގޮތެއް ނޭނގުން ކަމަށް ހުސެއިން އާދަމްގެ މަންމަ ބުންޏެވެ. ވިޔަފާރިގޭގައި ވަޒީފާ އަދާކުރާ އޭނާގެ ފިރިމީހާއަށް ވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނެތެވެ.
އެކަން ހިނގީ ބުރާސްފަތި ދުވަހު ކަމަށާއި ހޮނިހިރު ދުވަހުވެސް ވެގެން އުޅޭގޮތެއް ނޭނގި މާބޮޑަށް އުދަނގޫވާން ފެށުމުން ފިރިމީހާ ގާތު ބަލައިދިނުމަށް އެދުނުކަމަށް ވެސް ހުސެއިން އާދަމްގެ މަންމަ ބުންޏެވެ.
ހުސެއިން އާދަމްގެ މަންމަ ބުނީ މެންދުރުފަހަށް އަޅާލިއިރު އޭނާ އިނީ އެހީތެރިއަކާއެކު ހަނޑޫ ސާފުކުރަން ކަމަށާއި އެގަޑީ ފިރިމީހާ ގެއަށް އަތުވެއްޖެ ކަމަށެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައިކަމަށް ވެސް ބުންޏެވެ. ވީގޮތް އެހުމުން އޭނާ ބުނީ އަހަރެމެންގެ ދަރިފުޅު ހަނގުރާމައިގައި ޝަހީދުވެއްޖެ ކަމަށެވެ. އަދި އޭނާ އަކީ ޝަހީދެއް ކަމަށެވެ. މަންމަ ބުނިގޮތުގައި އެހިސާބުންވީ ގޮތެއް ނޭނގޭ ކަމަށާއި އެހިސާބުން އެއްކޮށް އަނދިރިވި ކަމަށެވެ.
ޖައްސަ ޖައްސައިގެން ދިހަ ދުވަސް ވަންދެން ހޭނެތިފައި އިތުން ކަމަށް ބުނެ މަންމަ ބުނީ އޭނާއަށް އޮތީ ބޮޑު ޝޮކެއް ލިބިފައި ކަމަށެވެ. އެވަގުތު އެތައް ބަޔަކު އެއްވި ކަމަށާއި ހޭއެރިއިރު އެންމެންވެސް ތިބި ކަމަށާއި ބުނާނެ އެއްޗެއް ވެސް ނޭނގުންކަމަށް ހުސެއިން އާދަމްގެ މަންމަ ބުންޏެވެ.
އޭގެފަހުން އެންމެ ފުރަތަމަ ވެސް މާލެދިޔައީ އެހާދިސާ ހިނގިފަހުން ތޭރަ އަހަރު ފަހުން ކަމަށް ހުސެއިން އާދަމްގެ މަންމަ ބުންޏެވެ. އަދި މާލެ ދިއުމުން އަތޮޅުގެއަށް ދިއުމަށް އޭރުގެ ރައީސް މައުމޫން ދައުވަތުދެއްވި ކަމަށެވެ. އަދި ހުސެއިން އާދަމްއާ ބެހޭގޮތުން ވާހަކަ ދެއްކި ކަމަށް ބުންޏެވެ. އެހެންނަމަވެސް އެކަމާ ވާހަކަ ދައްކާނެ ހިތްވަރެއް އޭނާގެ ނެތްކަމަށް މަންމަ ބުންޏެވެ. އަދި ސަމާލުކަމެއް ވެސް ނުދެވުނު ކަމަށާއި ލޮލަށް ކަރުނަތައް ޖަމާވި ކަމަށެވެ.
އޭނާގެ ލޮލުގެ ފެނުން މިހާދަށްވެފައިވަނީ އެދުވަހުން ފެށިގެން އެކަރުންތައް އަދި އަދަށް ވެސް ފިލައިގެން ނުދާތީ ކަމަށް އަސަރާއެކު ހުސެއިން އާދަމްގެ މަންމަ ބުނެފައިވެ އެވެ.
ޕްރައިވެޓް ހުސެއިން އާދަމަކީ މިއުދުވާނީ ހަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައިމަރުކަޒު ދިފާއު ކުރެއްވުމުގައި އެންމެ މުހިންމު ދައުރެއްް އަދާކުރެއްވި ކެރުމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ބަތަލަކެވެ.
ޕްރައިވެޓް ހުސެއިން އާދަމް ޝަހީދުވިއިރު އޭނާ ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 4 އަހަރާއި 5 މަހާއި 24 ދުވަސްވެއްޖެ އެވެ. ޕްރައިވެޓް ހުސެއިން އާދަމްގެ ހިތްވަރުގަދަ ގައުމީ ޖިހާދުގެ އަގު ދައުލަތުން ވަޒަންކުރައްވައި ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލްއެއްގެ މަގާމަށް މަގާމުގެ ކުރިއެރުން ދެއްވާ ހުރަވީ ރަން މެޑަލް (މެޑަލް ފޯރ އެކްސެޕްޝަނަލް ބްރޭވަރީ)، އާއި ޖިހާދުގެ ރަތް މެޑަލް (ޕާރޕްލް ހާޓް) އަދި ތިނެއް ނޮވެމްބަރުގެ މެޑަލް (ތާޑް ނޮވެމްބަރ މެޑަލް) ދެއްވާފައިވެ އެވެ.
މިފަދަ ދުވަހެއްގައި ނައުޝަމް ދޫކޮށްފައިމިވަނީ ވަރަށް ވެސް އަސަރުގަދަ ހަމަ އެހާމެ ފަހުރުވެރި ތަސްވީރެކެވެ.