ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށް އިފްތިހާހްކޮށްފި އެވެ.
މިހިދުމަތް އިފްތިތާހްކޮށްދެއްވީ މިރޭ މިކަމަށްޓަކައި ކުރިއަށް ގެންދެވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މީގެއިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ކުޅުދުއްފުށީ ރައްޔިތުން ވެސް ބައިވެރިވި އެވެ.
މިއީ ޒަމާނާއި އެއްގޮތަށް ބައްޓަންކުރެވި ރައްޔިތުންނާއި ގާތުން ސީދާ ރައްޔިތުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވި ހަމަ ކޮންމެ ރައްޔިތަކަށްވެސް ދާއިމީ ގޮތެއްގައި ފަސޭހައިން ލިބޭނެ ހިދުމަތަކަށް ހެދުމަށްޓަކައި ކޮމިއުނިޓީ ކޮމިޓީ ނުވަތަ ނެއިބަރހުޑް ކޮމިޓީ ފަލްސަފާގެ މައްޗަށް އެކުލެވިފައިވާ ނިޒާމަކުން ނުވަތަ ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ގެނެވިފައިވާ ބަދަލަކުން ދެވޭ ހިދުމަތެކެވެ.
ދިވެހި މުޖްތަމައުގައި ފުލުހުންގެ ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް މިގެނެވޭ ބަދަލަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ގާއިމްކޮށް ހަރުދަނާކުރުމަށާއި ރައްކާތެރިކަން އިހްސާސްކުރެވޭ މުޖްތަމައުއެއް ބިނާކުރުމުގައި ކާމިޔާބުކަމާއެކު މަސައްކަތްކުރާ ޕޮލިސިންގ މޮޑެލްއެއް ކަމަށްވާ ނެއިބަރހުޑް ޕޮލިސިންގ މޮޑެލް އަސާސަކަށް ހަދައިގެން ދިވެހި މުޖްތަމައަށް ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ އަވައްޓެރި ފުލުހުންގެ ހިދުމަތް ކިޔާ މޮޑެލްއަކުން ގެނެވޭ ބަދަލެކެވެ.
މިއީ ފުލުހުންގެ ހިދުމަތް ދިނުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން އިސްކޮށް ރައްޔިތުން އެދޭފަދަ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައިވެރިވުމާއެކު ދެފުށް ފެންނަ އަދި ރައްޔިތުންނަށް ޖަވާބުދާރީވުން މައިގަނޑު އަސާސެއްގެ ގޮތުގައި ބެލެވިގެން ފޯރުކޮށްދެވޭ ހިދުމަތްދިނުމުގެ ނިޒާމަށް ގެނެވޭ ބަދަލެކެވެ.
މިރަސްމިއްޔާތުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުން ފާހަގަކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ. މިފިލާ ހަވާލުކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. މިހަނދާނީ ފިލާ އާއި ހަވާލުވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.