twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ސިޓީއެއްގެ ދަރަޖައަށް ފުލުހުންގެ ހިދުމަތް މަތިކޮށްދެއްވުމަށް މޭޔަރު އެދިވަޑައިގެންފި

މުޙައްމަދު އަހުމަދު
Nov 6, 2021

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުން އެދަރަޖައަށް ފުލުހުންގެ ހިދުމަތް އެސިޓީގައި ފުޅާކުރުމަށް ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރުގެ އަރިހުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އެދިވަޑައިގެންފި އެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުންވެސް ފުލުހުންގެ ހިދުމަތް ފުޅާވެފައި ނެތުމުން ބޮޑެތި ދަތިތައް ކުރިމަތިވެ އެވެ.

މޭޔަރު މިހެން ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތް ކުޅުދުއްފުށީގައި ފެށުމަށް ރޭ ޖަލާލުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ފުލުހުންގެ އިސްވެރިންނާއި ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ އިސްވެރިން އަދި އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކުޅުދުއްފުށި ސިޓީގައި ސިޓީތަކުގައި ފުލުހުންގެ ހިދުމަތްދޭ ދަރަޖައަށް ގެންދިއުމަށް މޭޔަރު އެދިވަޑައިގެންނެވިއިރު މޭޔަރު ވިދާޅުވީ މާލޭގައި އެކިސަރަހައްދުގައި ފުލުހުންގެ ޕޯޓްތަކެއް ހުންނަ ކަމަށެވެ. އެދަރަޖައަށް މިހިދުމަތް ގެންދިއުމަށް މޭޔަރު އެދިލެއްވި އެވެ.

މޭޔަރު ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި އަދި އެންމެހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށާއި އަދި ދިވެހިންގެ މުދަލާއި އެންމެހާ ދިވެހިންގެ ރައްކާތެރިކަމަށް ތިއްބަވާ ފުލުހުން މިއަދު އަޅުގަނޑުމެންނަށް މިކޮށްދޭ މަސައްކަތަށް ޝުކުރުއަދާކުރައްވާފަ އެވެ.

"މިއަދު ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެންދާކަމީ އަޅުގަނޑުމެން މުޅި ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އުފާކުރާކަމެއް. އަދި މިހިދުމަތާއެކު އަޅުގަނޑު ގަބޫލުކުރަނީ ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ މިސިޓީގެ އަމާން ވެއްޓެއް ގާއިމުކުރުމަށް އަޅުގަނޑުމެންނަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް." މޭޔަރު ވިދާޅުވި އެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމާއެކު ފުލުހުންގެ ހިދުމަތް ރައްޔިތުންނާއި ގާތުން ކުށުގެ ވެށި ކުޑަކޮށް ކުށަށް އަރައިގަންނަ ފަރާތްތައް ކުށަށް އަރައިގަތުމުގެ ކުރިން އެކަންކަމަށް ފުލުހުންނަށް އެޓެންޑްކުރެވި ރަށުގައި ކުށްކުރާ މިންވަރު މަދުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ކުޅުދުއްފުއްޓަކީ އެނގިވަޑައިގަންނަވާނެ ފަދައިން ބޮޑެތި އާބާދީތަކަށް ބަލާއިރު މިހާރުވެސް ކުށްމަދު ރަށެއް ކަމަށެވެ. އެހެންނަމަވެސް މަޑުމަޑުން ކުށުގެ ރޭންކް ބަދަލުވަމުން އަންނަކަން ފާހަގަވާ ކަމަށާއި އޭގެކުރިން މިހިދުމަތް ފެށިގެންދާކަމީ އަޅުގަނޑުމެންނަށް އަނެއްކާވެސް މިސިޓީ އަމާން ވެއްޓެއްގެ ގޮތުގައި ބޭއްވުމަށް ލިބިގެންދާނެ އިތުރު ބާރެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށި ސިޓީގެ ޕޮލިސް ސްޓޭޝަންއަށްވެސް އިތުރު ކުރިއެރުންތައް ބޭނުންވާކަން ފާހަގަކުރައްވާ މޭޔަރު ވަނީ އިންސާނީ ވަސީލަތްތަކާއި އަދި ފުލުހުންގެ ޓްރޭނިންގެ ކަންތައްތައް ވެސް އިތުރަށް އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"
"ފުލުހުން ކުރަންޖެހޭ މަސައްކަތާ ބަލާފައި ކުޅުދުއްފުށީގައި މިއޮތް އާބާދީއާއި ކައިރި ރަށްތަކުގައިވެސް ދިރިއުޅޭ ފަރާތްތަކުން މިސިޓީއަށް ޒިޔާރަތްކުރާ މިންވަރާއި ބަލާއިރު އަޅުގަނޑުމެންނަށް މިއަދު ކުޅުދުއްފުށީގައި ފުލުހުން މަދު. އަޅުގަނޑުމެންގެ ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކޮށްދީ ފުލުހުން ކުޅުދުއްފުށީގައި އިތުރު ކޮށްދިނުމަށް. ފުލުހުންގެ ވަސީލަތްތައް އިތުރުކޮށްދިނުމަކީ ވެސް މުހިންމު ކަމެއް."
މޭޔަރު މުހައްމަދު އާތިފް

ފުލުހުންގެ މަސައްކަތުގެ މާހައުލާއި ފުލުހުން މަސައްކަތް ކުރަން ބޭނުންވާ އެންމެހާ އާލާތްތައް އިތުރަށް ހޯދާ ފުލުހުންގެ ހިދުމަތް ފުރިހަމަކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އަޅުގަނޑު ޔަގީންކުރައްވާކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ކުޅުދުއްފުށި ސިޓީގެ ތަރައްގީގެ ފަސް އަހަރުގެ ޕްލޭންގައި އަޅުގަނޑުމެން ހިމަނާލައިފައިވާނެ ފުލުހުންނާއި އެކީ ކުރެވިދާނެ ބައިވަރު މަސައްކަތްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން އެއްކަމެއްގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމާއި ޓްރެފިކް ނިޒާމްތައް ހަރުކުރުމާއި ޓްރެފިކް ގަވާއިދުތައް އަޅުގަނޑުމެން އިތުރަށް ހަރުދަނާކޮށް ޓްރެފިކްގެ އެންމެހާ ކަންކަން ތަންފީޒުކުރެވޭނެ ގޮތްތައް ހަމަޖެއްސުން ހިމެނޭކަމަށް މޭޔަރު ވިދާޅުވި އެވެ.

"މިވަގުތު ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަޅުގަނޑު ހަމަ ޔަގީނުންވެސް ގަބޫލުކުރާގޮތުގައި ޑްރަގްގެ ވަބާ، އަޅުގަނޑުމެންނަށް ވޭތުވެދިޔަ އަހަރުތަކުގައި މަޑުމަޑުން ޑްރަގްގެ ޑްރަގް ބޭނުންކުރާ މީހުންގެ އަދަދާއި ޑްރަގްގެ ވިޔަފާރިތައް ކުރާ ފަރާތްތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވޭ." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ހަމައެކަނި ހޮސްޕިޓަލްގެ ހިދުމަތް ހޯދުމަށްވެސް ވޭތުވެދިޔަ އަހަރު 1 ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށާއި އަދި އާންމު ބޭނުންތަކާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައް އޭގެ ތެރޭގައި ހިމަނައިފިނަމަ 2 ލައްކައަށްވުރެ ގިނަވާނެކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން އެފަރާތްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަކީ ވަރަށް މުހިންމު ކަމެއްކަން މޭޔަރު ވިދާޅުވި އެވެ.

މޭޔަރުވަނީ ފުލުހުންގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ސީޕީއާއި ހޯމް މިނިސްޓަރުގެ އަރިހުން ވަރަށް ބޮޑަށް އެދިވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355