twitterviber whatsapp telegramfacebookyoutube instagram
4th May 2024

އަސާސީ ބޭސް ނުލިބޭ ފާމަސީތަކަށް ފިޔަވަޅު އަޅަނީ

ނަބީލާ އިސްމާޢީލް
Nov 6, 2021

ކޮންމެހެން ލިބެންޖެހޭ އަސާސީ ބޭސްތައް ވިއްކަން ނުހުންނަ ނަމަ، ފާމަސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، ފާމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާ އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާއްމުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފާމަސީތަކަށް އަންގާ ކަމަށެވެ.

ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި، އޯވަ ދި ކައުންޓާ މެޑިސިން (އޯޓީސީ)، ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް އިއުލާންގައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ އަސާސީ ބޭސްތައް ލިބެން ނުހުންނަ ފާމަސީތަކާ މެދު އެ އޮތޯރިޓީން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355