twitterviber whatsapp telegramfacebookyoutube instagram
9th May 2024

މިފަހަރުގެ ބަދަހި ހިރަފުސް ކަޕްގެ ޝިއާރަކީ "ހީވާގި މަސްވެރިންނާއެކު ހިރަފުސް"

މުޙައްމަދު އަހުމަދު
Nov 7, 2021

2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ބަދަހި ހިރަފުސް ކަޕް 2021 ގެ ނަމުގައި ހިރަފުހުން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މިމުބާރާތަކީ "ހީވާގި މަސްވެރިންނާއެކު ހިރަފުސް" މިޝިއާރުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ފެށޭނީ 10 ޑިސެމްބަރު 2021 ވަނަ ދުވަހު ހިރަފުސް ދަނޑުގަ އެވެ.

ހިރަފުހުން އާންމުކުރި އިއުލާނުގައިވާ ގޮތުން މިމުބާރާތުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ޒުވާނުން ބައްދަލުވެ، އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިކަން އާލާކުރުމާއި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް ފުޓްބޯޅަ ކުރިއަށް ގެންދިއުމާއި

ހަވީރު ހިރަފުސް ދަނޑަށް ކުޅެން ދިއުމަށް ކުޅުންތެރިންނަށް ބާރުއެޅުމެވެ.

މީގެ އިތުރުން ހިރަފުސް ދަނޑަށް ކުޅެންދާ ހުރިހާ ފަރާތްތަކަށް ތަފާތު ކުރުމެއް ނެތި ފުޓްބޯޅަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިން ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން އުފެއްދުމަކީ ވެސް މިމުބާރާތުގެ މަގްސަދެކެވެ.

މިމުބާރާތަކީ ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ނިމިދިޔަ 2020 ވަނަ އަހަރުވެސް ހިރަފުހުން ވަނީ ބަދަހި ހިރަފުސް ކަޕް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. މިއީ 11 އަސައިޑް މުބާރާތެކެވެ.

މުބާރާތުގެ ކޯޑިނޭޓަރު ފަރުހަތު މުހައްމަދު ކޭއޯއަށް މައުލޫމާތުދެއްވި ގޮތުގައި މިމުބާރާތުގައި ބައިވެރިވެވޭނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ފަސް ދުވަހު ހިރަފުސް ދަނޑަށް ކުޅެންދިޔަ ފަރާތްތަކެވެ.

މުބާރާތުގެ ޓީމުތައް ހޮވާނީ ޝަރުތު ހަމަވާ ކުޅުންތެރިން ކެޓަގެރީކޮށް ބައި ބަހައިގެން ކަމަށާއި ޓީމުތައް ބެހުމަށް ފަހު ކޮންމެ ޓީމަކަށް ވެސް އެ ޓީމަކުން ބޭނުން 3 ކުޅުންތެރިއެއް މުބާރާތުގެ ޤަވާއިދުގައި ވާ ޝަރުތު ހަމަ ނުވިޔަސް ޓީމުގައި ހިމެނިދާނެ ކަމަށް ފަރުހަތު ބުންޏެވެ.

މި 3 ކުޅުންތެރިންނަށް ކުޅެވޭނީ ކޮންމެ ކުޅުންތެރިޔަކަށް އެއްހާސް ރުފިޔާގެ ފީއެއް މުބާރާތް އިންތިޒާމު ކުރާ ފަރާތަށް ދެއްކުމަށް ފަހުގައި ކަމަށް ފަރުހަތު ބުނެ އެވެ.

ހިރަފުހުން ނެރުނު އިއުލާނުގައިވާގޮތުން މުބާރާތް ކުޅެވޭނީ ލީގު އުސޫލުންނެވެ. އަދި މިގޮތުން ލީގު އުސޫލުން 1 ވަނައަށް ދާ ޓީމު ސީދާ ފައިނަލަށް ދަތުރު ކުރާނެ އެވެ. އަދި 2 ވަނަ އަށާއި 3 ވަނައަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ މޮޅުވާ ޓީމަށް ފައިނަލުގެ ދެވަނަ ފުރުސަތު ލިބޭނެ އެވެ.

މުބާރާތް ކުރިޔަށްދާނީ އެންމެ ފަހުގެ ފީފާ ލޯވްސް އޮފް ދަ ގޭމްއާއި އެއްގޮތަށް ކަމަށާއި މި ޤަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލު ކުރާނީ ރެފްރީސް ކޮމިޓީއާއި އިންތިޒާމް ކޮމިޓީއިން މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ހިރަފުހުން ހާމަކޮށްފައިވެ އެވެ.

މިމުބާރާތުގެ ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް، އެންމެ މޮޅު ގޯލު ކީޕަރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355