twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހިސާންގެ ބިލު ކޮމިޓީން ފާސްކޮށްފި

ޚަދީޖާ އާދަމް
Nov 7, 2021

މުސްލިމަކު ކާފަރުކުރުން ކުށަކަށް ހަދަން ހުށަހެޅި "ހިސާނު ބިލާއި" އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލު އެއްކޮށްލައި ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ހިސާނު ބިލު ހުށަހެޅި އިރު ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ލޭބަލްކުރުމާއި އަދި އާންމު ތަނެއްގައި މުސްލިކަމަށް ކާފަރަކަށް ގޮވުން ކުށަކަށް ހަދަން ހުށަހަޅުއްވައިފައި ވެއެވެ.

ކޮމިޓީން ހިސާން ބިލު ފާސްކުރި އިރު މުސްލިމަކާ ދިމާލަށް ކާފަަރަކަށް ގޮވުން ކުށަކަށް ވާނެ ގޮތާއި ވަކި މީހަކީ އިސްލާމް ދީނާ ދެކޮޅު އަދި އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއްކަމަށް ބުނުން ނުވަތަ ސިފަކުރުން ކުށަކަށް ވާނެގޮތް ތަފްސީލުކޮށްދީފައި ވެއެވެ.

ފުރަތަމަ އެ ބިލް ހުށައެޅުމުން ވަރަށް ބޮޑަށް ފާޑިކިޔުން އަމާޒުވެ ދީނީ ޖަމިއްޔާތަކުން ވެސް އެ ބިލު ގެންދިއުމަށް ގޮވާލުމާ ގުޅުގެން މަޖިލީހުގެ ތަޅުމުން އެ ބިލު ފާހެއް ނުވި އެވެ. ބިލު ހުށަހެޅި ދުވަސްވަރު ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑު އަމާޒުވި ކަންތައްތަކުގެ ތެރޭގައި ބިލު ފަރުމާކޮށްފައިވާ ގޮތުން އިސްލާމް ދީނުގެ އުސޫލުތައް އޮންނަ ގޮތް ކިޔައިދިނުންވެސް ކުށަކަށް ވުމުގެ ފުރުސަތު ބިލުގައި އޮތުމެވެ.

ނަަމަވެސް އަލަށް ގެނައި އިސްލާހާއެކު އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް ހުރެހެއް ނޭޅޭނެކަމަށް ވެސް ބުނެ މާއްދާއެއް އިތުރުވެސް ކޮށްފައި ވެއެވެ.

އެގޮތުން އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއްކަމަށް ބުނުން ނުވަތަ ސިފަކުރުން ކުށަކަށް ވާނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން އަހުލު ސުއްނަތު ވަލް ޖަމާއަތުގެ މުޢުތަބަރު ރައުޔަކާ ހިލާފު ނުވާގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ކަމަށް، ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ކަމުގައި ބުނެފައި ވެއެވެ. ސުންނީ ރައުޔުގެ ވާހަކަ ކުރީގެ ބިލުގައި ހިމަނައިފައެއް ނުވެއެވެ.

އިސްލާމްދީނަށް ތައުހީނުކުރުން ކުށަކަށް ހަދަން ހުށަހެޅި ބިލު "ހިސާން ބިލާ"އި އެއްކޮށްލައި ތައުހީނުކުރުމުގެ މާނަވެސް ބިލު ގައި ވަނީ ތަފްސީލުކޮށްދީފަ އެވެ. އެގޮތުން މުވާސަލަތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އިސްލާމް ދީނަށް ތައުހީނު ކުރުމާއި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރުން ކުށަކަން ހެދުމުގެ އިތުރުން އިސްލާމް ދީނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރުންވެސް ކުށަކަށް ހަދަން ވަނީ ހިމަނައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355