twitterviber whatsapp telegramfacebookyoutube instagram
5th May 2024

އަސާސީ ކަންކަން ފުރިހަމަވެފައި ނުވާތީ ޝަހީމުގެ ފާޑުކިއުން ސަރުކާރަށް!

މުޙައްމަދު އަހުމަދު
Nov 9, 2021

މިއަހަރުގެ ބަޖެޓުގައި ކަނޑިތީމު ދާއިރާއަށް ކުރުމަށް ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރެއިން އަސާސީ ކަންކަން ފުރިހަމަވެފައި ނުވާތީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރުމުގެ ކުރިން މިއަހަރުގެ ބަޖެޓުގައި ދާއިރާގެ ތަރައްގީއަށް ހިމެނިފައިވާ ކަންކަމުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައި ވަނީ ކޮން މަސައްކަތްތަކެއްތޯ ބަލަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ އެދުމުގެ މަތީން ސަރުކާރުން އެދޭ ކަންކަން ބަޖެޓުގައި ޖަހައިގެން އެކަން ތަންފީޒުކުރެވޭތޯ މަސައްކަތް ކުރަމުން އައިކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށް އައިރުގައި، މި ބަޖެޓަށް ވާހަކަ ދައްކަމުން އަންނައިރުގައި ކަނޑިތީމު ދާއިރާގެ މިދިޔަ އަހަރުގެ ބަޖެޓުގައި ހުރި ކަންކަން ތަންފީޒުނުވެ އަދި އެކަމުގެ އަމަލީ މަސައްކަތް ނުފެށި ދިޔަ ދިއުމަކީ ހިތާމަކުރާ ކަމެއްކަމަށް ޝަހީމް ވިދާޅުވި އެވެ.

"
"ހަގީގަތަކީ 2021 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑިތީމު ދާއިރާއިން ހުރި ކަންކަމަށް އިހުމާލު ވެގެން ދިޔަ ދިއުން އެއީ އަޅުގަނޑު މިއަދު ނުހަނު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް." ޝަހީމް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ދާން ޖެހޭ ސަބަބު މިބަޖެޓުން ވަރަށް ސާފުކޮށް އެބަ އެނގޭ ކަމަށެވެ. މިއަދު ފެނިގެންދަނީ ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ ބަޔަކު އަދި ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ ބައެއްގެ އަތްމައްޗަށް މިފަދަ ކަންކަން ދޫކޮށްލުމުގެ ނަތީޖާ ކަމަށް ޝަހީމު ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ ރަށްރަށުގެ އަސާސީ ހައްގުތައް ކަށަވަރު ނުވާކަން ފާހަގަކުރަމުން ޝަހީމު ވިދާޅުވީ ސަރުކާރުގެ ބާރާއި ނުފޫޒު ހުރި ބޭފުޅުން ގެންދަނީ އެ ދާއިރާތަކުގައި އިންތިހާއަށް ކަންކަން ކުރަމުން ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ހައްލު ކުރެވޭނީ ބަރުލަމާނީ ނިޒާމަށް ރާއްޖެ ގޮސްގެން ކަމަށް ޝަހީމް ތަކުރާރުކޮށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މިފަދަ ގޮތަކަށް އަމަލު ކުރާކަށް ނުޖެހޭނެކަން ޔަގީންވާ ކަމަށާއި ރައްޔިތުންނަށް އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ މި އިއްޒަތްތެރި މަޖިލީހަށް ވާއިރުގައި އިއްޒަތްތެރި މަޖިލީހުގައި އެ ބާރުތައް ހުރެގެން އިންތިހާއަށް ކަންކަން ކުރެވިގެން ދާނެ ކަންވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355