މިނިވަން މުއައްސަސާތަކުން އެދުނު ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މުއައްސަސާތަކަށް ހަމަޖައްސައިދީފައިވާ އަދަދު އިތުރުކޮށްދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިވަން މުއައްސަސާތަކަށް އިތުރަށް ބަޖެޓު ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި މިވަނީ 17 މިނިވަން މުއައްސަސާ އަކުން ބަޖެޓް ބޮޑުކޮށްދިނުމަށާއި ބަޖެޓް ކޮމިޓީއާ ބައްދަލުކުރުމަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި ބަޖެޓު ކޮމިޓީން ގެންދަނީ އެ މުއައްސަސާތަކާ ބައްދަލުކުރަމުންނެވެ.
ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވަނީ މިނިވަން މުއައްސަސާތައް ހިމެނޭ ގޮތަށް ދައުލަތުގެ އިދާރާތަކާ މަޝްވަރާތަކެއް ކުރުމަށްފަހު ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށެވެ.
ކޮވިޑާ ގުޅިގެން ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި އާމްދަނީން ގާތްގަނޑަކަށް 40 ބިލިއަނެއްހާ ރުފިޔާ ގެއްލުނު ކަމަށާއި މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ދަރަނި މެނޭޖުކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ވައުދުތައް ވެސް ފުއްދޭ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.
ބަޖެޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ މިނިވަން މުވައްސަސާތަކާއެކުގައި ވެސް އެ ކަންކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި މުވައްސަސާތަކަށް އިތުރަށް ބަޖެޓު ބޮޑުކުރުމަކީ މި ދަނޑިވަޅުގައި ދަތި ކަމެއް ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އާމްދަނީ އިތުރުކުރަން ބޭނުން ނަމަ ޖެހޭނީ ޓެކްސް އިތުރުކުރަން ކަމަށެވެ.
"ޓެކްސްގެ ގޮތުގައި ޖީއެސްޓީއާއި ޓީޖީއެސްޓީ މި އަންނަ އަހަރު ލިބޭނެ އާމްދަނީ މިއޮތީ ބަޖެޓުގައި އަންދާޒާ ކޮށްފަ، ދެން އޭގެ ބޭރުން އާމްދަނީއެއް ނުލިބޭނެ، ޖެހޭނީ ދަރަންޏަށް ފައިސާ ނަގަން،" އަމީރު ވިދާޅުވިއެވެ.
ދަރަންޏަށް ފައިސާ ނެގިނަމަވެސް ކެޕޭސިޓީއަށް ބަލައި، ނަގަން ޖެހޭނީ ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތް ވާ ގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.