ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ގޮވާލައްވައިފި އެވެ.
ހިސާން މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ކޮވިޑާ ގުޅިގެން އެތައް ރިސޯޓަކާއި ގެސްޓު ހައުސްތަކުގެ އޮކިއުޕަންސީ ދަށްވެގެން އެތަނުގެ މުވައްޒަފުން ރަށަށް ފޮނުވާލިކަމަށް ހިސާން ވިދާޅުވި އެވެ.
ރިސޯޓުތަކާއި ގެސްޓު ހައުސްތައް ފުރުނުއިރުވެސް އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާތަކަށް ނުދެވޭތީ ހިސާން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ރިސޯޓު މުވައްޒަފުންގެ ހައްގުތަށް ކަށަވަރުކުރަން ރެގިއުލޭޓަރީ ފްރޭމްވޯކް ހަރުދަނާކުރަންޖެހޭ ކަމަށާއި މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ދައްކަން ފަސްޖެހިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ހާއްސަ ސަމާލުކަމެއް ދީގެން ރިސޯޓު މުވައްޒަފުންގެ މައްސަލަ ބަލަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ.