twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޔޫތް މިނިސްޓްރީން ދިވެހި ސަޕޯޓަރުންނަށް 650 ޓިކެޓް ހިލޭ ދީފި

މުޙައްމަދު އަހުމަދު
Nov 16, 2021

ސްރީލަންކާގައި މިހާރު ފަށައިގެން ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި މިއަދު ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗަށް ވަންނަ ދިވެހި ސަޕޯޓަރުންނަށް 650 ޓިކެޓު ހިލޭ ރާއްޖޭގެ ޔޫތު މިނިސްޓްރީން ހަދިޔާކޮށްފި އެވެ.

ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ޔޫތު މިނިސްޓްރީން މި ޓިކެޓުތައް ރަސްމީކޮށް ދީފައިވަނީ ލަންކާގައި ތިބި ދިވެހި ސަޕޯޓަރުންގެ އިސް މީހުންނަށެވެ.

މުބާރާތުގައި ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގުތައްވެސް ވަރަށް ބޮޑެވެ. އެއީ 5000 ރުޕީސްއަށް ވިއްކަމުން ދަނިކޮށް ރާއްޖޭގެ ރައީސްގެ އެދުމުގެ މަތިން އެ އަދަދު 3000 ރުޕީސްއަށް ކުޑަކުރުމަށްފަހު އެވެ. ލަންކާ ރައްޔިތުންނަށް މެޗުތަކަށް 200 ރުޕީސް ދައްކައިގެން ވަދެވެ އެވެ.

ލަންކާގައި އިއުލާންކޮށްފައިވާ ހަރުކަށި އުސޫލުތަކާއި ގުޅިގެން މާދަމާ ރާއްޖެ ކުޅޭ މެޗާއެކު ދަނޑަށް ކުޅިބަލަން ވަދެވޭނީ 25 އިންސައްތަ ސަޕޯޓަރުންނަށް ކަމަށް އެ ގައުމުން ވަނީ އިއްޔެގެ ވަގުތެއްގައި ނިންމާފަ އެވެ.

މިމުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުތަކުން މުބާރާތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނެ އެވެ. މާދަމާ ރާއްޖެ ގަޑިން މެންދުރުފަހު 3:30 ގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު މިމެޗަކީ ދެޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.

ފައިނަލުގެ ޖާގައެއް ހޯދަން މާދަމާގެ މެޗުން މޮޅުވުން ރާއްޖެއަށް މަޖޫބޫރެވެ. މީގެކުރިން ލަންކާއާ ބައްދަލުކޮށް ރާއްޖެ އެއްވަރުވިއިރު ބަންގްލަދޭޝް އަތުންވީ ބައްޔެވެ.

މިރޭ ރާއްޖެ ގަޑިން 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި 4 ޕޮއިންޓާއެކު ބަންގްލަދޭޝް އޮތްއިރު ހަމަ 4 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސީޝެލްސް އެވެ. އަދި 1 ޕޮއިންޓާއެކު ތިންވަނައިގައި ރާއްޖެ އޮތްއިރު ހަމަ އެންމެ ޕޮއިންޓަކާއެކު ފުލުގައި އޮތީ މުބާރާތް ބާއްވާ ގައުމު ސްރީލަންކާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355