ބޭހުގެ އަގު ކޮންޓްރޯލްކޮށްފައި އޮއްވާ އެއާ ހިލާފަށް ބޭސް ވިއްކާނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް އެ ބޭސް ވިއްކި ބޭސްފިހާރައެއް ޖޫރިމަނާކުރެވޭ ގޮތަށް އޭގެ ގަވައިދު ނެރެ އިއްޔެ އާއްމުކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ވަނީ އަތްފޯރާ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މެކްސިމަމް ރީޓެއިލްސް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅާނެ ގޮތާއި އެއާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފަ އެވެ.
އެކި ބްރޭންޑްގެ ނަމުގައި ބޭސްތައް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވުމަށް އަންނަ އަހަރުން ފެށިގެން ބޭސް ސިޓީގައި ޑޮކްޓަރީ ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ލިއުން ހުއްޓާލައި ބޭހުގެ ޖެނެރިކް ނަން ލިޔަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ޖެނުއަރީ 1 ން ފެށިގެން ތަންފީޒުކުރަން ފަށާއިރު އޭގައި ހިމެނެނީ ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހެވެ. އަދި ދެވަނަ ފިޔަވަހީގައި ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރްޕީ ތަންފީޒު ކުރާނީ 1 ޖުލައި 2022 ން ފެށިގެންނެވެ.
ގަވައިދުގައިވާ ގޮތުން ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓްކަމަށް ވާއިރު އެއާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10000 ރުފިޔާއިން އެ ތަނެއް ޖޫރިމަނާކުރާއިރު ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 50000 - 10000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50000 - 10000 އާ ދެމެދުގެ އަދަދަކުން އެ ބޭސްފިހާރައެއް ޖޫރިމަނާކުރާނެ ކަމަށް ގަވައިދުގައިވެ އެވެ.