ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫއު މިއަދު ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ވިދާޅޫވީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ މަޝްރޫއުތައް ކުރިޔަށް ގެންދަވާކަމަށެވެ.
ހޯރަފުށީގައި މިއަދު އިފްތިތާހްކުރި މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއް ތާރުއަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން ކޮވިޑް-19 ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސް ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެއްވުމަށްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ 3 އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫއުތައް ހިންގާފައިވާ 3 އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ނައިބު ވަނީ އެމްޓީސީއާއި ފެނަކައިން އިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކަށް ބެލިނަމަވެސް ނުވަތަ ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދާތަން ފެނިގެންދާނެކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެރަށެއްގައިހެން މަޝްރޫއުތައް ހިންގަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ މީގެ 3 އަހަރު ކުރިޔާ ހިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ބަސްބުނެއުޅުމާއި ހިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ ގެ ބައެއް ރަށްރަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހޯރަފުށްޓަށް ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.