twitterviber whatsapp telegramfacebookyoutube instagram
4th May 2024

އާބާދީ މަދު ރަށްރަށުގައި އަންނަ ޓާމުން ފެށިގެން ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭނެ: ރައީސް

ނަބީލާ އިސްމާޢީލް
Nov 19, 2021
1

އާބާދީ މަދު ރަށްރަށުގެ ސުކޫލުތަކުގައި، އަންނަ ޓާމުން ފެށިގެން ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭން ފަށަން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 2019 ވަނަ އަހަރު ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރުމަށް ބޭއްވި ޓޮޕް އެޗީވާސް އެވޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި މުޅިން އާ ކަމެއް ތައުލީމީ ދާއިރާއަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސެޓެލައިޓު މަފްހޫމްގެ ދަށުން ކިޔަވައިދޭން ނިންމައިފައިވާ ކަން ރައީސް އިއުލާނުކުރެއްވިއެވެ.

ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވުމުން، ސުކޫލު ނެތް ތިން ރަށެއްގައި މި އަހަރުގެ ދެވަނަ ޓާމްގައި މި ޕްރޮގްރާމް ފެށޭނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.އެ ގޮތުން މި ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ބ. ފެހެންދޫއާއި ވ. ތިނަދޫއާއި އެ އަތޮޅުގެ ރަކީދޫގަ އެވެ. މި ތިން ރަށުގެ ދަރިވަރުން ވެސް މިހާރު ތައުލީމު ހާސިލުކުރަމުން އަންނަނީ ކައިރި ރަށްރަށަށް ދަތުރުކޮށްގެންނެވެ.

ސެޓެލައިޓު މެދުވެރިކޮށް މި ކުދިންނަށް ކިޔަވައިދޭން ފެށުމުން، ދަރިވަރުން ފެރީގައި އެހެން ރަށަކަށް ދިއުމަށް އުފުލާ ބުރަ ފިލައިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ މާލޭގެ ހުރަވީ ސުކޫލުގައި ގާއިމްކޮށްފައި ހުންނަ ސެޓެލައިޓު ހަބުގައި ތިއްބަވާ ޓީޗަރުންނެވެ.

ރައީސް ވިދާޅުވީ މިފަދަ މުހިންމު ބަދަލުތައް ތައުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ ގައުމު ތަރައްގީ ކުރާނެ މީހުން ބިނާކުރުންކަމަށާއި ގައުމު ތަރައްގީކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭނެފަދަ އިލްމީ އަދި ޖިސްމާނީ ގާބިލްކަން ދަރިންނަށް ހޯދައިދިނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355