އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ ދަރިމައިވުމުގެ ސިއްހަތާ ބެހޭ މަރުކަޒު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވައިފި އެވެ. "އުފަންވެނި" ހުޅުވައިދެއްވީ އެކަމަށްޓަކާ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.
ޔޫއެންއެފްޕީއޭގެ އެހީތެރިކަމާއެކު ހުޅުވި މި ސެންޓަރަކީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ. މި ސެންޓަރުގެ ގާއިމުކޮށްފައިވަނީ އުފަންހިޔާގެ ފުރަތަމަ ފަންގިފިލާގަ އެވެ.
ކޭއާރުއެޗަށް ގެނެވުނު ބަދަލުތަކާއި އިތުރުކުރެވުނު ހިދުމަތްތައް ވަރަށް ގިނަ ރައްޔިތުން ބަލަގަތް ކަމަށާއި ކައިރި އަދި ދުރު އަތޮޅުތަކުގެ ރައްޔިތުންނަށް އެ ހިދުމަތް ލިބިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމު ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގެ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށެވެ. އަދި މި ހިދުމަތްތަކީ އެތަކެއް އަހަރެއް ކުރިން ރައްޔިތުން ބޭނުންވެފައި ހުރި ހިދުމަތްތަކެއް ކަމަށާއި އެ ހިދުމަތްތައް ލިބެން ފެށުމުން އެކަން ބޭނުންވެފައިވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެ ހިދުމަތްދޭ ހިތުން ހިދުމަތް ފޯރުކުރަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ބަލިވެގެން ހޮސްޕިޓަލަށް އަންނަ މީހާއަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއި ލޯއެއްބަކީ ފަރުވާގެ އެއްބައި ކަމަށާއި އެހެންވުމުން އެކަންކަމަށް އަބަދުވެސް ހަނދާންކުރަންޖެހޭކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޒިންމާއަކީ ހޮސްޕިޓަލުގެ ފާރުތެރޭގައި ހިނގާ ހުރިހާ ކަމެއްގައި ޒިންމާ ނެގުން." ނައިބު ރައީސް ވިދާޅުވި އެވެ.
ރައްޔިތުން އެތަކެއް އަހަރުތަކެއް ވަންދެން އިންތިޒާރުކޮށްގެން ތިބި މުހިންމު ހިދުމަތެއް އައިމައި ސަރުކާރުގެ ސިޔާސަތާ އެގޮތްތައް ރައްޔިތުން އެންމެ އެދޭގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދުގެ ވާހަކައިގައި ފާހަގަކުރެއްވީ މިއަދަކީވެސް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ކުރިއެރުންތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށާއި ދަރިމައިވުމުގެ ސިއްހަތުގެ ދާއިރާއިން ހިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ބޯޑްގެ ޗެއަރމަންޕާރސަން އަދި މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ އިތުރުން ކުޅުދުއްފުށީގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.