ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ސަރުކާރުން ވައިކަރަދޫގެ ތަރައްގީއަށް 16 ވަރަކަށް މަޝްރޫއު މިހާރުވެސް ކުރިއަށްގެންގޮސްފައިވާތީ އެކަން ފާހަގަކޮށް ކައުންސިލުން ޝުކުރުއަދާކޮށްފި އެވެ.
މިބައްދަލުވުން ކުރިއަށްގެންދިޔައީ މިއަދު މެންދުރުފަހު ވައިކަރަދޫ ސްކޫލުގައި އެވެ. މިބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ނައިބު ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން އެރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި އިންޖީނުގޭގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ބޭނުންވާކަމާއި ރަށުގެ ރައްޔިތުންނަށް މޫދަށް އެރިއުޅޭ ސަރަޙައްދެއް ހެދުމާއި ރަށުން ގޯތިދޫކުރުމަށް މިހާރު ހުރި ގޮންޖެހުންތަކާއި ސްކޫލްގެ 12 ކްލާސް ރޫމްގެ މަސައްކަތް އަވަހަށް ނިންމައި ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް ސްކޫލް ކުދިންނަށް ކުޅިވަރުކުޅެހެދުމަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން ސްކޫލުގެ ފަރާތުން ނައިބް ރައީސްއާ ހިއްސާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވައިކަރަދޫ ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަނަށް އިތުރަށް އިންސާނީ ވަޞީލަތްތައް ބޭނުންވާކަމާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ މުހިންމުކަން ދޭ އެއްކަމަކީ ތައުލީމީ ނިޒާމު ހަރުދަނާކުރުންކަމަށާއި އެގޮތުން ކޮންމެ ކުއްޖަކީވެސް މުޖްތަމައަށް ރަނގަޅު ބޭނުން ހިފޭ ކުއްޖަކަށް ހެދުމުގެ މުހިންމުކަން ނައިބް ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރުން ރައްޔިތުންގެ ލާބައާ މަންފާއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްގެންދާކަން ފާހަގަކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުވުމުން މިސަރަހައްދުގެ ރައްޔިތުންނަށް މާލެ ދާންނުޖެހި ޓާޝަރީ ފެންވަރުގެ ހިދުމަތްތައް ލިބުމަށް މަގުފަހިވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުވައިދެއްވާ، ވައިކަރަދޫ ސްކޫލުގައި އިމާރާތްކުރަމުންދާ 12 ކްލާސްރޫމްގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ. މީގެއިތުރުން ވައިކަރަދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވުމުގެ އިތުރުން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލެއްވި އެވެ.