ނެއްލައިދޫ ކައުންސިލުން އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ނައިބް ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވައިފި އެވެ.
މިކަން ހިއްސާކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ނެއްލައިދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މިބައްދަކުރެއްވުމުގައި ކައުންސިލުން ވަނީ ސަރުކާރުން ނެއްލައިދޫގެ ތަރައްޤީއަށް މަޝްރޫއުތައް ކުރިއަށްގެންގޮސްދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
ނެއްލައިދޫ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމާއި ގުޅޭގޮތުންނާއި ރަށުގެ އިގްތިސާދީ އިޖްތިމާއީ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ސްކޫލާއި ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަކުރައްވާފަ އެވެ.
ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް އިތުރު އިންސާނީ ވަސީލަތް ބޭނުންވާކަމާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީންވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ވެސް އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމުގައި ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގާތްގުޅުން ދަމަހައްޓައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގުފަހިކޮށް ދިނުންކަން ފާހަގަކުރެއްވި އެވެ.
ނައިބުގެ ވާހަކަފުޅުގައި އެ ސަރަޙައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިޔަށް ގެންދާ ބޮޑެތި ބައެއް މަޝްރޫއުތަކުގެ މައްޗަށް ވެސް އަލި އަޅުވާލެއްވި އެވެ. އެގޮތުން ހާއްސަ ގޮތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ މި ސަރަހައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅި ސަރަހައްދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަރައްގީއާ ރަށަށް ހެޔޮގޮތްތައް ހޯދުމަށް ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނެއްލައިދޫ ސްކޫލަށް ޒިޔާރަތްކޮށްލައްވައި ސްކޫލުގައި އަލަށް އިމާރާތްކުރަމުންގެންދާ 2 ކްލާސްރޫމާއި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ނެއްލައިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފަ އެވެ.