ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް އަސާސީ ހިދުމަތަކަށް ދިވެހި ރައްޔިތަކު ޖެހިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ދީފައި އޮތް މުއްދަތު އިތުރު ކޮށްދޭން ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ޝިފާއު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް އަސާސީ ހިދުމަތަކަށް ދިވެހި ރައްޔިތަކު ޖެހިފައި ނުވާ ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ތެލާއި ޑީސަލްގެ އިތުރުން ޕެޓްރޯލާއި ބޭހުގެ ބާވަތްތައް ހޯދުމުގައި އެއްވެސް ދައްޗެއް ރައްޔިތުންނަށް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ދުނިޔެ އޮތީ ބަލިމަޑުކަމެއްގެ ޕެންޑެމިކްގައިކަން ވެސް އިހުސާސް ނުވާވަރަށް އެ ކަންކަން ސަރުކާރުން މެނޭޖުކުރިކަމަށެވެ.
ޝިފާއު ވަނީ އެކަން ކުރުމަށް ޓަކައި ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރުން ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ އެ ފައިސާއިން 22 ހާހަށް ވުރެ ގިނަ ދިވެހި ރައްޔިތުންނަށް އިންކަމް ސަޕޯޓު އެލަވަންސް ފޯރުކޮށްދިން ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ފައިސާ ޗާޕުކުރުމަށް ދީފައިވާ ހުއްދަ އިތުރުކުރުމަކީ މިވަގުތަށް މުހިންމުކަމެއްގެ ގޮތުގައެވެ. ޝިފާއު އިތުރަށް ވިދާޅުވީ ދަރަނި ނަގައިގެން ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރުމުން ރައްޔިތުން އެކަމާ ދެކޮޅު ނުހަދާނެ ކަމަށެވެ.