ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން އދ. ދަނގެތީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ދަނގެތީގައި މިބެހެއްޓުނު އޭޓީއެމްއާއެކު ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ފުޅާކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއްކަމަށާއި ބޭންކުން މިހާރުވެސް އދ. އަތޮޅުގެ ހަތަރު ރަށެއްކަމަށްވާ ދަނގެތި، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް މިދަނީ ފޯރުކޮށްދެމުންނެވެ.
ދާދި ފަހުން ބޭންކުން ވަނީ އަލަށް ހުޅުވުނު މަހިބަދޫ ބްރާންޗުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަޕްގްރޭޑްކޮށް ހުޅުވާފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 74 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.