ނަފުރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިމަހު 16 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނަފުރަތުގެ ބިލު ދިރާސާ ކުރުމަށް ފަހު އެ ބިލަށް ހަތަރު އިސްލާހެއް ގެނެސްފައިވެއެވެ. މި ބިލުގައި ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9 ) ގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ހިމަނާފައިވެއެވެ.
މި މާއްދާގައި ކުށުގެ ގޮތުގައި ބެލެވޭނެކަންކަން ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ މުޢުތަބަރު ރައުޔަކާ ހިލާފުނުވާގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ހިމެނެއެވެ. ހަމަ އެހެންމެ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުންވެސް ކުށުގެ ގޮތުގައި ހިމަނާފައި ވެއެވެ.
މިއިން އަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ވެސް އެއީ ކުށެއް ކުރުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މީހެއްގެ ނަސްލަށް، އުފަންވީ ގައުމަށް، ކުލަޔަށް، ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުން އެއީވެސް ކުށުގެ ގޮތުން މި ބިލުގައި ބަޔާންކޮށްފައިވާ ކަމެކެވެ.
އެހެންނަމަވެސް އެކި ކަންކަމާމެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މި މާއްދާ ހުރަސްނާޅާކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި މާއްދާގައި، ކުށް ދަރަޖަ ކުރާގޮތްތަކާއި މާނަ ކުރުންތައް ހިމަނާފައިވެއެވެ.
ދެން މިބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމަށެވެ. އެގޮތުން (ހ) ގެ 5 ވަނަ ނަމްބަރުގައި ވަނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲއަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ކުށެއް ކަމުގައި ކަނޑައަޅާފައެވެ.
ހަމަ އެހެންމެ (ހ) ގެ 6ވަނަ ނަމްބަރުގައި ވަނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲ އާމެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުން ކުށެއްކަމުގައި ކަނޑައަޅާފައެވެ.
މި ބިލު ތަސްދީގުކޮށް އާދީއްތަ ދުވަހު ގެޒެޓް ކުރުމާއެކު މި ގާނޫނަށް އަމަލުކުރަން މިވަނީ ފެށިފައެވެ.