ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލުތަކުން މި ގާނޫނުއި ގުޅުންހުރި ބައެއް ހިދުމަތް ފޯރުކޮށްދިނުންމާއި ގުޅޭގޮތުންނެވެ. އެގޮތުން މި ގެނައި އިސްލާހުގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީން، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.
އަދި މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ފެންވަރުގާއި ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޚިދުމަތްތަކާ ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެކަމަށާއި، އަދި ކައުންސިލުތަކަށް ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް މި މާއްދާގެ (ށ) ގައިވާ ޤަވާއިދުގައި ބަޔާންކުރުމަށްވެސް މި ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ.
މި ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައިވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.