ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ރޮބީއުﷲ އާއި 31 އަހަރުގެ މުހައްމަދު ފިރްދައުސްއެވެ. މި ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މިމީހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުންވެސް ވަނީ މުއްދަތު ޖަހައިދީފައެވެ.
އެ ގޮތުން މި ދެ މީހުން ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރޮބީއުﷲގެ ބަންދަށް 10 ދުވަސް އަދި ފިރްދައުސްގެ ބަންދަށް 15 ދުވަސް ޖެހުމަށް ވަނީ އަމުރުކޮށްފައެވެ.
ރޮބީއުﷲ ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ބާރުދޭ ބައެއް ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައި ވެއެވެ.
ކޯޓުގައި ފުލުހުން ބުނީ ރޮބީއުﷲ އަމިއްލަ އެކައުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ވާކަމަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ވެސް ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުމެވެ. އެއީ ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބަކީ ފިލައިފާނެ ކަމުގެ ބިރު އޮތުމެވެ.
ފިރުދައުސް އަކީ ވެސް ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ކޯޓު އަމުރުގައި ވެއެވެ. އޭނާއަކީ ޖަމާއަތް ހަދއިގެން "ނެޓްވޯކެއް"ގެ ގޮތުގައި ބޭރުފައިސާ ގަނެވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވަނީ ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށްގެނެވެ.
އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައިދޭން އޭނާގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރުމަކީ ރާއްޖޭގައި ވަރަށް އާއްމުވެފައި އޮތް ކަމެކެވެ. އަދި މިކަމުގެ ތެރޭގައި ގިނައިން ހަރަކާތްތެރިވަނީވެސް ބިދޭސީންނެވެ.