twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަދަނީ އިޖުރާއަތުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޚަދީޖާ އާދަމް
Nov 30, 2021

ރައްޔިތުންގެ މަޖިލީހުން ރޭ މަދަނީ އިޖުރާއަތުގެ ބިލް ފާސްކޮށްފިއެވެ. މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމި، ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މި ބިލް ފާސްކޮށްފައިވަނީ ޖުޑިޝަރީ ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު އެވެ.

ޖުޑިޝަރީ ކޮމިޓީން އެ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ރިޕޯޓަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވަނީ 17 އެޑިޓޯރިއަލް އިސްލާހެއް ހުށަހަޅުއްވާފައެވެ. މި އިސްލާހުތަކަށް މަޖިލީހުގައި ވަނީ ވަކިވަކިން ވޯޓަށް އަހައިފައެވެ.

ސަރުކާރުގެ ފަރާތުން މަދަނީ އިޖުރާއަތުގެ ބިލު ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މައިގަނޑު ހަ ބައެއްގެ މައްޗަށެވެ. އޭރު އެ ބިލުގެ 31 ބާބުގައި 379 މާއްދާ ހިމެނެއެވެ. އަދި، ސަރުކާރުން އިސްލާހުކޮށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލުގެ ޑްރާފްޓު މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކޮމިޓީއަށް ފޮނުވިއިރު މަދަނީ އިޖުރާއަތުގެ ބިލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން، މި ބިލުގައި 36 ބާބު ހިމަނާފައިވާއިރު، ބިލުގެ މައްދާތަކުގެ އަދަދު 429 އަށް ވަނީ އިތުރުވެފައެވެ. އަދި ބިލުގެ އެކި ބައިތައް އިސްފަސްކޮށް، ފަސޭހައިން މަދަނީ މައްސަލަތަކުގެ އިޖުރާއަތްތައް ދެނެގަނެވޭނެގޮތަށް ބިލުގެ މާއްދާތައް ތަރުތީބުކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355