މަނީ ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި އެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކޮށް 22 އިސްތިއުނާފީ ނުކުތާއެއް ހުށަހެޅި އެވެ. ދިގުދެމިގެން ދިޔަ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނިންމައިލި އެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ވަނީ އިތުރު އަޑުއެހުމެއް ބާއްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ކަމެވެ.
އޭގެ އިތުރުން، އެމަނިކުފާނަށް ޖަމާވި ފައިސާ އަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ހުކުމް ކުރިޔަސް، މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެއާ ހިލާފަށެވެ.
ދައުލަތުން ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އެވެ. އެކަމަކު، އެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ދިޔައީ ބުނަމުންނެވެ.
ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށް އޭރު ގަބޫލު ކުރެވުނީ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެމަނިކުފާނަށް ސިޔާސީ މަސައްކަތަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ ހަވާލު ކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތުގައި އެދުމުން އަދީބު ޖަމާކުރެއްވި ފައިސާ ކަމަށެވެ.
އެ ފައިސާ ޖަމާކުރީ އެސްއޯއެފްއިންކަން އެނގިވަޑައިގަތީ މާ ފަހުން ކަމަށާއި އެސްއޯއެފްގައި އެމަނިކުފާނު ދަންނަ މީހަކު ވެސް ނޫޅޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.