ކުޅިވަރުގެ ތަރައްގީއަށް ސަރުކާރުން ވަރަށް ބައިވަރު ކަންތައްތަކެއް އެބަކުރާކަން ފާހަގަކުރައްވަމުން ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކުރާ ހަމައެކަނި ކަމަކީ ފުޓްބޯޅަ ކުރިއެރުވުން ނޫންކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ ހޯމަދުވަހު ކުރިއަށްގެންދިޔަ ގައުމީ ރާޅާ އެޅުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މަހްލޫފް ވިދާޅުވީ އޭނާއަށް އަމާޒުވެގެން ސޯޝަލް މީޑިއާގައި މަހްލޫފް ހަމައެކަނި ކުރާކަމަކީ ފުޓްބޯޅަ ކުރިއެރުވުން ހޭ ކިޔައި ވަރަށް ގިނަ ކަންތައްތައް އަމާޒުވާކަމަށެވެ.
އެތައް ބަޔަކު އެހެން ކިޔަމުންދާއިރު މަހްލޫފް ވިދާޅުވީ ކުރިއަރުވަމުން މިދަނީ ހަމައެކަނި ފުޓްބޯޅަ ނޫންކަމަށް ވަރަށް ކެރިހުރެ ބުނަންކެރޭ ކަމަށެވެ. އަދި ސާފިން އަށް ސަރުކާރުތަކުން ކޮށްފައިވާ ހޭދަތައް ބަލާލި ކަމަށެވެ.
މަހްލޫފް ވިދާޅުވާގޮތުން އެންމެ ބޮޑަށް ފާހަގަވި ކަމަކީ 2019 ވަނަ އަހަރުގެ ކުރިން ޔޫތު މިނިސްޓްރީން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އަށް ދީފައިވަނީ އެންމެ 20000 ރުފިޔާ ކަމަށެވެ. އެހެންނަމަވެސް މިފަހަރުގެ ގައުމީ މުބާރާތަށް އެކަނިވެސް ޔޫތު މިނިސްޓްރީން އެމްއެސްއޭއަށް 4 ލައްކަ ރުފިޔާ ދީފައިވާނެ ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވަނީ ކުޅިވަރުގައި ހުރި ތަފާތުތައް ނައްތާލުމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
މީގެއިތުރުން އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ކުޅިވަރު ތަފާތު ނުކުރާނެކަމުގެ ޔަގީންކަން ސާފިން އެސޯސިއޭޝަނާއި ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް ދެއްވާފަ އެވެ. އަދި ސަރުކާރުގެ ހަރަދުގައި އަޅަމުންދާ ސާފް ޓްރެކްތަކާ އެކީގައި ޓްރެއިނިން ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަހްލޫފް ވަނީ ގޮވާލާފަ އެވެ.