twitterviber whatsapp telegramfacebookyoutube instagram
1st May 2024

28 ރަށެއްގެ ޔޫތް ސެންޓަރުތަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Oct 12, 2022

28 ރަށެއްގައި ގާއިމު ކޮށްފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝްނުގައި އޮތް ރަސްމިއްޔާތެއްގައި ރަށްތަކަށް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހްލޫފްއެވެ. އަދި ރަށްތަކުގެ ފަރާތުން ބިލިއާޑް ބޯޑާ ހަވާލުވީ އެ ދާއިރާއެއްގެ މަޖިލިސް މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ރަށްރަށުގައި މުނިފޫހި ފިލުވުމާއި، ކުޅިވަރު ކުޅުމަށްޓަކައި ފަހިކޮށްދެމުންދާ ފުރުސަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކުގައި މިފަދަ ކުޅިވަރު ކުޅެވެން ނުހުންނަ ކަމަށާއި މިނިސްޓްރީން ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް އަތޮޅު ތެރޭގައި ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މުޅިން އަލަށް މިފަހަރު ބިލިއާޑު ބޯޑު ހަވާލުކުރި ރަށްތަކަކީ، ހއ.ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫ، ށ.ކޮމަންޑޫ (ދެ ބޯޑު)، ފޯކައިދޫ، މާއުނގޫދޫ، ނ.ކެނދިކުޅުދޫ، ރ.އުނގޫފާރު، ކ.މާފުށި، ހިންމަފުށި، އދ.ފެންފުށި، ދިއްދޫ، މ.މުލައް، ދިއްގަރު، ފ.މަގޫދޫ، ތ.ތިމަރަފުށި، މަޑިފުށި، ގަން، މާބައިދޫ، ގއ.ވިލިނގިލި، ކޮލަމާފުށި، ދާންދޫ، ގދ.ހޯނޑެއްދޫ، ތިނަދޫ، މަޑަވެލި އަދި ސ.ހިތަދޫއެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީން އަންނަނީ ރަށްރަށަށް ބޭނުންވާ ކުޑަކުދިންގެ ޕާކު ސާމާނާއި، އައުޑް ޑޯ ޖިމްގެ ސާމާނު ވެސް ފޯރުކޮށްދެމުންނެވެ.

"ހަގީގަތުގަ ރަށްރަށުގަ މިކަހަލަ ކަންކަން ކޮށްލާނެ ފުރުސަތެއް ނެތް. ރޭގަނޑު ރަށުތެރޭގަ އެނބުރުން ނޫން ކަމެއް ނެތް. ކޮފީއެއް ބޯލާނެ ބައެއް ރަަށްރަށް އެބަހުރި މިހެންބުނާއިރު. އެހާލަތުވެސް ނެތް ވަރަށްގިނަ ރަށްރަށަށް އަޅުގަނޑަށްވެސް ދެވޭ. އެހެންވެ މިއީ އެފަދަ ރަށްރަށަށް ފަހިކޮށްދެވޭ ވަރަށްކުޑަ މިންވަރެއް." މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ރަށްރަށުގައި ކުޅޭނެ ޖާގައޮތްނަމަ، ވީވަރަކުން އެކަހަލަ ކަންކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355