twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަސައްކަތް ލަސްވީ ހުށަހެޅުނު އަގުތައް ބޮޑުވުމުން

އަބްދުލް ވާހިދު ޙަސަން
Apr 13, 2023

އަތޮޅުތެރޭގެ ރަށްތަކުގައި ޔޫތު މިނިސްޓްރީން އިމާރާތްކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަސައްކަތަށް ހުށަހެޅުނު އަގުތައް ބޮޑުވުމުން އަލުން ރީ-ޓެންޑާއަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ތާރީހެއް ހޯދުމަށް އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް، ރައްޔިތުން މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސްތަކަށް ހުށަހެޅުނު އަގުތައް ލަފާކުރި އަގަށްވުރެ މާ ބޮޑުވުމުން ބީއޯކިޔުވެސް ދެވަނަ ފަރާތެއް ލައްވާ ރިވައިސްކުރުމުގެ މަސައްކަތްކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު ވާހަކަދައްކަމުންދާ ކަމަށެވެ.

"ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަސައްކަތް އަޅުގަނޑުމެން މީގެ ކުރިން އިއުލާނުކުރި މަސައްކަތްތަކަށްވެސް އައި އަގުތައް ބޮޑުވެގެންނާއެކީގައި އަޅުގަނޑުމެން އަލުން ރީޓެންޑާ ކުރުމުގެ މަރުހަލާގައި މިއުޅެނީ. ފިނޭންސުން އަޅުގަނޑުމެންނަށް އެބައޮތް އަންގާފައި އެއީ އަޅުގަނޑުމެން ލަފާކުރި އަގަށްވުރެ މާ ބޮޑު އަގުތަކެއްކަމަށް." މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރާ ލިސްޓްގައި އިތުރު ރަށްތަކެއްވެސް ހިމަނާ އެކަން ކުރިއަށްގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް 2022 ވަނަ އަހަރުވެސް ބަޖެޓްކޮށްފައިވެ އެވެ. އެހެންނަމަވެސް އެއަހަރުވެސް އެ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355