ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ދިވެހި ސްޕީޗް ތެރަޕިސްޓުން ހޯދަން އިއުލާންކޮށްފި އެވެ.
މިކަން އިއުލާނުކޮށްފައިވަނީ އިއްޔެ އާންމުކޮށް ނެރުނު ގެޒެޓްގައި އެވެ. ގެޒެޓްގައިވާ ގޮތުން މިއީ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދުމަށް ކުރެވިފައިވާ އިއުލާނެކެވެ.
ކޭއާރުއެޗަށް ހޯދަމުން އަންނަނީ ދެ ސްޕީޗް ތެރަޕިސްޓުންނެވެ. މިމަގާމަށް މުސާރައިގެ ގޮތުގައި 6295 ރުފިޔާ އަދި ސާރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ވެސް އެހެނިހެން އެލަވަންސްތައް ހިމެނެ އެވެ.
މިމަގާމަށް ކުރިމަތިލާ ބޭފުޅުންނަކީ ސްޕީޗް ތެރަޕީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށްވާން ޖެހެ އެވެ.
1. ޕޭޝަންޓުންގެ ބަލި ދެނެގަތުމުގައި ބަލި މީހުންނާއި މުއާމަލާތް ކޮށްގެން ވާހަކަ ދެއްކުމުގައި އަދި ބަސް ބޭނުން ކުރުމުގައި އުނދަގޫކަން ހުރި މިންވަރު ދެނެގަތުން.
2. ފަރުވާއަށް އެދި އަންނަ މީހުންގެ ވާހަކަ ދެއްކުމުގައި ހުރި އުނދަގޫތައް ދެނެގަތުމަށްޓަކައި "ބޭސިކް ރީޑިންގ، ވޯކަލައިޒިންގ ޓާސްކް" ފަދަ ސްޓޭންޑަޑައިޒް ޓެސްޓުތައް ހެދުން. ފަރުވާ ކުރިއަށް ގެންދާނެ އެކިއެކި ގޮތްތައް ދެނެގަތުން.
3. ވަކި ވަކި ބަލިމީހުންނަށް ބޭނުންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލައި ކުރިއަށް ގެންދިއުން.
4. ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ތަފާތު އަޑުތައް ލެއްވުމާއި އަޑު އިސްލާހު ކުރުމަށް ބަލިމީހުންނަށް ދަސްކޮށްދިނުން.
5. ވާހަކަ ނުދެއްކޭ ނުވަތަ ވަރަށް ކުޑަކޮށް ވާހަކަ ދެއްކޭ ބަލިމީހުންނަށް މުއާމަލާތް ކުރުމަށް އެހެނިހެން ގޮތްތައް (ސައިން ލޭންގުއޭޖް) ދަސްކޮށްދިނުން.
6. ޕޭޝަންޓުންގެ ލިޔުމާއި ކިޔުމުގެ ހުނަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުން.
7. ކާތަކެތި ދިރުވުމަށް ބޭނުން ކުރާ މަސްތައް ވަރުގަދަ ކުރުމަށާއި ތަރައްގީ ކުރުމަށް ބަލިމީހުންނާއެކު މަސައްކަތް ކުރުން.
8. ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ބަލިމީހުންނާއި ބެލެނިވެރިންނަށް މި ކަންތަކާއި ކުރިމަތިލުމަށް ހިތްވަރު ދިނުމާއި ވާހަކަ ދެއްކުން.
9. ސެޝަންތަކުގައި ކުރިއަށް ގެންދެވޭ ފަރުވާ / ހަރަކާތްތައް ގޭގައި ކުރިއަށް ގެންދިއުމަށްޓަކައި ބެލެނިވެރިންނަށް ތަމްރީނު ދިނުން.
10. ބޭނުންވެއްޖެ ހާލަތެއްގައި ކްލިނިކަލް ދާއިރާގެ ކޮންސަލްޓަންޓުން، ސައިކޮލޮޖިސްޓުން އަދި އިޖްތިމާއީ މަސައްކަތްތެރިންނާއެކު އެދެވޭ ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރުން.
މިމަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިހިނގާ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.