ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލާފައިވާ ރިސާޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ދިރާސާގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ވަނީ އޮޅުންފިލުއްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް އަރިހުގައި ނައިބް ރައީސް ފައިސަލް ނަސީމާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލުވުމުގައި ރައީސް ވަނީ ތައުލީމީ ދާއިރާއިން ކުރިއަށްގެންދާ މި ދިރާސާގެ މުހިއްމުކަން ފާހަގަކުރައްވައި މިއީ ތައުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެ ދާއިރާއަށް މީހުން ޝައުގުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިއްމު ދިރާސާއެއްކަން ފާހަގަކުރައްވާ ފައެވެ.
އަދި މިކަމަކީ ސްކޫލްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށާއި ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމަށާއި ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށާއި އަދި ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅު އެޅުމަށް އެހީތެރިވެދޭނެ މުހިއްމު މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ މި ދިރާސާގެ މުހިއްމުކަން ފާހަގަކުރައްވައި ދިރާސާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން ސްކޫލްތަކުގައި އަދި ތައުލީމީ ދާއިރާގައި ހުރި ރަނގަޅުކުރަންޖެހޭ މުހިއްމު އެތައް ކަމެއް ހިއްސާކުރައްވާފަ އެވެ.