ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެއަށް ގެންނަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެން ހުށަހެޅުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކާ މެދު ޖިންސީ ކުށުގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި އެތައް ދައުވާއެއް އޮތް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އަލުން އަނބުރަ ރާއްޖެ ވަޑައިނުތުމުން އޭނާއަށް ދައުވާ ލިބޭ މައްސަލަތަކުގައި ޝަރީއަތަށް ހާޒިރު ކުރަން ވެސް ވަނީ ދަތިވެފަ އެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުކުރުމަށްފަހު އެވެ. އެގޮތުން އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ވަޑައިނުގަތުމުން އެ ކޯޓުން އަސްހަދު އަލީއަށް ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އަދި ކޯޓުން ވަނީ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފަ އެވެ.
މީގެ ކުރިން ވެސް އަލީ ވަހީދު ގެނައުމަށް ރެޑް ނޯޓިސް ނެރުމަށް ފުލުހުން މަސައްކަތް ކުރި އެވެ. އަދި އިނގިރޭސި ވިލާތުގެ ފުލުހުންނާ ގުޅިގެން ވެސް އޭނާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ. މި ކަންކަމަށް އިންކާރުކޮށް އަލީ ވަހީދު ވިދާޅުވެފައި ވަނީ މި ދައުވާތަކަކީ އޭނާ މަގާމުން ވަކިކުރުމުގެ ރޭވުމެއް ކަމަށެވެ.