ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކާމިޔާބު ކުރައްވައިފި އެވެ.
އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އަލީ ވަހީދަށް ޖުމްލަ ލިބިވަޑައިގެންނެވީ 245 ވޯޓެވެ.
އަލީ ވަހީދުގެ އިތުރުން އެ ދާއިރާއަށް ދެން ވާދަކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަހުމަދު އާތިފާއި ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އިބުރާހިމް ރަމީޒެވެ. އަލީ ވަހީދާއި އެންމެ ގާތުން ވާދަކުރެއްވި އަހުމަދު އާތިފަށް ލިބިވަޑައިގެންނެވީ ޖުލްމަ 112 ވޯޓެވެ. އިބުރާހިމް ރަމީޒަށް ލިބިވަޑައިގެންނެވީ 30 ވޯޓެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާއަކުންނެވެ. ދާއިރާތަކުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 25،325 އަށް އަރައެވެ.
މިއަދު މި ދާއިރާގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ އަފީފުއްދީން ސްކޫލްގައި ހެނދުނު 9:00 - 17:00 އަށެވެ. މި ޕްރައިމަރީއަށް 95 ރަށެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު މާލޭ ސަރަހައްދުގައި 27 ފޮށި ބެހެއްޓި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންނެވީ މިހާރުވެސް އެ ދާއިރާ ތަމްސީލްކުރައްވަމުންގެންދަވާ ޔާސިރު އަބުދުލްލަތީފެވެ. އޭނާއަށް އެ ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީއަކާ ނުލައި އެވެ.