ޔޫއެފާ ސީ ކޯޗިންގ ލައިސަންސް އިނގިރޭސިވިލާތުން ހާސިލުކުރި ފުރަތަމަ ދިވެއްސަކަށް އަލީ ވަހީދު (ބަލަކް) ވެއްޖެ އެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވާ އަލީ ވަހީދު ތަމްރީނުތައް ހާސިލުކުރަމުންދަނީ އިނގިރޭސި އެފް.އޭ އަދި ވޭލްސް އެފް.އޭގައެވެ. މީގެ އިތުރުން އަލީ ވަހީދު މިހާރުވަނީ މިއަހަރު ފަށާ ޔޫއެފާ ބީ ކޯހަށް އެންރޯލްވެފައެވެ.
ސެޕްޓެމްބަރުމަހު ފަށާ އިނގިރޭސި އާ ގްރާސް ރޫޓްސް ފުޓުބޯޅަ ސީޒަންގައި އަލީ ވަހީދުއާއި ވަނީ ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކްގެ ފްލެގްޝިޕް ޓީމް އޭ.އެފް.ސީ ސައުތު ލަންޑަންގެ ކޯޗުކަން ވެސް ހަވާލުކޮށްފައެވެ. އެޓީމަކީ ގްރާސް ރޫޓްސް ލީގުގެ ފުރަތަމަ ޑިވިޝަންގެ ޓީމެކެވެ.
ޔޫއެފާ ކޯޗިންގ ބެޖްތަކަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ލައިސަންސް ބެޖްތަކެވެ.
އިނގިރޭސި އެފް.އޭ އަކީ ދުނިޔޭގެ ވަރުގަދަ ޕްރިމިއަރ ލީގުގެ ބެލެނިވެރި އިދާރާއެވެ. ވޭލްސް އެފް.އޭ އަކީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާއާއި، ތިއަރީ އޮންރީ އަދި ޕެޓްރިކް ވިއޭރާ ފަދަ ތަރިން ޔޫއެފާގެ ކޯޗިންގ ތަމްރީނުތައް ހެދި އެފްއޭއެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވާ އަލީ ވަހީދު މި ހޯދި ލައިސަންސް އާއި އިތުރު 3 ބެޖާއެކު އަލީ ވަހީދަށް ޔުއެފާ ކޯޗިންގެ އެންމެ މައްޗަށް ދެވިދާނެއެވެ.
އަލީ ވަހީދުގެ ކޯޗިން ކެރިއަރު އޭނާ ފަށާފައިވަނީ 2021 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސްޕޯޓިން ލަންޑަނުންނެވެ. އެގޮތުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް 2022ވަނަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕް ކަމާއި ރައޫލް ޑެބުންސެން ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.
އޭގެ އިތުރުން 2023ވަނަ އަހަރު މެއި މަހުގެ ތެރޭގައި އަލީ ވަހީދު ވަނީ ސްޕޯޓިން ލަންޑަނަށް އިނގިރޭސިވިލާތުގެ ދުވަސްވީ އަދި ތާރީހީ މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް"ގެ ޗެމްޕިއަންކަން ވެސް ހޯދައިދީފައެވެ.
އެ ކާމިޔާބާއެކު ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކުން ހޮވާ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް އަލީ ވަހީދަށް ވަނީ ލިބިގެން ގޮސްފައެވެ. މިއީ ދިވެހި ކޯޗަކު ބޭރު ގައުމެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.