twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެޑިއުކޭޝަނުން ކުޅުދުއްފުށީގައި އިމާރާތްކުރަން ގޮތް ނިންމާއިރު ކައުންސިލްގެ ހިޔާލުނުހޯދާތީ ރޯޒޭ ނުރުހުން

އަބްދުލް ވާހިދު ޙަސަން
Dec 1, 2021
6

އެޑިއުކޭޝަން މިނިސްޓްރީން، ކުޅުދުއްފުށީގައި އިންފްރާސްޓްރަކްޗަރގެ މަސައްކަތްކުރަން ގޮތް ނިންމާއިރު ކައުންސިލް ބައިވެރިނުކުރާތީ ސިޓީ ކައުންސިލް މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

ރޯޒޭ ހިތްހަމަނުޖެހުންފާޅުކުރެއްވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ފުރާފުރިހަމަ ތައުލީމީ ނިޒާމުގެ ޕްރޮޖެކްޓް ހިންގުމަށް އަފީފުއްދީން ސްކޫލަށް ބިން އިތުރުކުރުމަށް ސިޓީ ކައުންސިލްގައި ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަފީފުއްދީން ސްކޫލަށް ބިން އިތުރުކޮށްދީފައިވަނީ ގުދުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ހިތްގައިމު ފެންގަނޑެއް އޮންނަ ސަރަހައްދަކުންނެވެ. އެ ސަރަހައްދަކީ ހިމާޔާތްކޮށް ނޭޗަރ ޕާރކެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދެކެވެ.

އޭނާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މިރަށުގައި ހިންގާ އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރަން ގޮތް ނިންމާއިރު ކައުންސިލް ބައިވެރިނުކުރާ ކަމަށެވެ.

ރޯޒޭ ވިދާޅުވީ، މިފަދަ އިންފްރާސްޓަރަކްޗަރ މަސައްކަތްކުރެވި ޕްލޭންކުރެވިގެންދާއިރު ވަރަށް ދުރަށް ވިސްނަން ޖެހޭ ކަމަށެވެ.

"ހާއްސަ މިފަދަ އިންފްރާސްޓަކްޗަރ މަސައްކަތަށް ބަލާއިރު ސްކޫލުގެ ގޯތިތެރޭގައި ޖާގަ ނެތްއިރުގައި އެ ޑިޒިޝަން ނެގުމުގެ ކުރިން ކައުންސިލާ މަޝްވަރާކޮށްލާފައި. މި އިންފްރާސްޓްރަކްޗަރ ގާއިމުކުރަން އެންމެ ރަނގަޅީ ކޮން ތަނެއްގައި ތޯ. މިފަދަ މަޝްވަރާތަކެއް މީގެ ކުރިއަށްލާން ޖެހޭކަމަށް ގަބޫލުކުރަން." ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ރޯޒޭ ވިދާޅުވި އެވެ.

ސްކޫލަކަށް ބިމެއް އިތުރުކުރަން މަޝްވަރާކުރާއިރު ބިން ހުރި ދެ ސްކޫލެއް މިހާރުވެސް މިރަށުގައި އެބަހުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޖަލާލުއްދީން ސްކޫލަކީވެސް ބިން ބޮޑު ސްކޫލެއް ކަމަށާއި އަދި އޭއީސީގައިވެސް ޖާގަ އެބައޮތް ކަމަށެވެ. އޭއީސީއަކީ ގިނަ ދުވަސްވެ، ވަރަށް ތަރުތީބެއް ނެތި އިމާރާތްތައް އުކާލާފައި އޮތް ތަނެއް ކަމަށާއި އެގޮތުން މިހާރު އެ ހުރި އިމާރާތްތައް ނަގާފައި ތަރުތީބުކުރަން ޖެހޭ ތަނެއް ކަމަށެވެ.

"މިހެން އަންނަ ޕްރޮޖެކްޓްތަކުގައި އެ ތަރުތީބު ކުރެވިދާނެ ކަހަލަ ސްކޫލެއް އޭއީސީއަކީ. މިހެން ހުންނަ ކަންތައްތަކީ އަސްލުގައި ރަށު ނެތް ބަޔަކު. މާ ދުރުގައި ތިބި ބަޔަކަށް އެހާ ރީތިކޮށް އެނގޭނެ ކަމެއް ނޫން." ރޯޒޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖާގަ އިތުރުކުރަން ޖެހެނީ ހަގީގަތަށް ބަލަންޏާ ޖާގަ ދެވެން އޮތްތަނަކުން ނޫން ކަމަށާއި ނަމަވެސް މި ވަސީލަތް ގާއިމުކުރަށް ވެއްޖެއްޔާމުން އެ ޖާގަ ދޭން މަޖުބޫރުވާ ކަމަށެވެ. މިފަދަ ކަންކަން ކުރެވެންވާނީ ކައުންސިލާ މަޝްވަރާކުރެވިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355