twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އިންޑިޔާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރަން ޖެހޭ: ނައިބް ރައީސް

ނަބީލާ އިސްމާޢީލް
Dec 5, 2021

އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރަހައްދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް އެކަމަށް ގޮވާލެއްވީ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) ގެ 5 ވަނަ ބައްދަލުވުން އިފްތިތާޙުކުރުމުގެ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ އިގްތިސޯދީ ދުޅަހެޔޮކަމާ ސީދާ ގޮތުން ގުޅިފައިވާ މުހިންމު ވިޔަފާރީގެ ހަބެއް ކަމަށެވެ. މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި މިއީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވެފައި ވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވޭނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައިވެރިންގެ އެއްބާރުލުމާއެކީ ކަމަށެވެ. އެގޮތުން ޓެރަރިޒަމާއި، ކަނޑުފޭރުން، މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު ވެސް ނައިބް ރައީސް ވަނީ މި ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައި، ރާއްޖެއަށް ކޮންމެވެސް މިންވަރަކަށް އާންމު ހާލަތަށް އާދެވިފައިވާކަން ފާހަގަކުރައްވައި އެކަންކަން ހާސިލުވީ ދުރާލާއި ސިއްހީ ގަވާއިދުތައް ހަރުދަނާކޮށް ވެކްސިން ކެމްޕޭން ބާރަށް ކުރިއަށް ގެންދެވުނީމާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ވެކްސިން ލިބޭނެ ގޮތަށް އޮތުމަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއްކަންތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު ވެކްސިން ލިބުމުގެ މަގުފަހިކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ނިސްބަތުން މަދުން ބޭރުކުރާ ގައުމެއް ނަމަވެސް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއެކު އެންމެބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރާއްޖެއިން 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯ ހާސިލްކުރުމަށް ކުރާ މަސައްކަތާއި ކުނި މެނޭޖްކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ތަރައްގީކުރުމަށް މަސައްކަތްކުރުމާއި، ކަނޑުތަކާއި ފަޅުތަކާއި ކުޅިތައް ހިމާޔަތްކޮށް ނޫ އިގްތިސާދެއް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

އިންޑިއާ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "އައިއޯސީ 2021" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖަޔަޝަންކަރެވެ. މި ބައްދަލުވުމުގެ މައިގަނޑު ސެޝަންތައް އޮންނާނީ ބައްދަލުވުމުގެ ދެ ވަނަ ދުވަހުގައެވެ. "އައިއޯސީ 2021" ފެށުމުގެ ރަސްމިއްޔާތަށްފަހު، ކޮންފަރެންސްގެ ބައިވެރިންގެ ޝަރަފުގައި ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު އަލީ އަލް ސައްޔާހު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355