twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރެވޭ ގޮތަށް ޕްރޮގްރާމްތައް ބަދަލުކުރަން ޖެހޭ: ރައީސް

ނަބީލާ އިސްމާޢީލް
Dec 5, 2021

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ބެހޭ ޕްރޮގްރާމްތައް، އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިވެލި އެވޯޑު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ އެދެވޭ ނަތީޖާ ނެރެވޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ބާރުވެރި ކުރެވޭ ގޮތަށްް ޕްރޮގްރާމްތައް ބައްޓަން ކޮށްގެން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމީހުންނަށް ބޭނުންވާ އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ފަސޭހައިން ލިބުން މުހިއްމު އާލާތްތަކުގެ ލިސްޓެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން މިހާރު އެކުލަވާލައިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން ރޭ އެވޯޑް ހާސިލްކުރި މީހުންގެ ތެރޭގައި ވަރަށް ފަންނުވެރި ހުނަރުވެރިން ތިބިކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެފަދަ މީހުންގެ ހުނަރުތައް ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ނުކުޅަދުންތެރިކަން ހުރި މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ މުހިންމުކަންތައްތައް ހުރިކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެންމެ މުހިންމު ކަމަކީ، އަޅާލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށް ވުރެ މާފުރިހަމައަށް އެ މީހުނަށް ދިނުން ކަމަށެވެ.

އޭރުން އެމީހުންގެ ހަޔާތުން އެކަނިވެރިކަމާއި ހިތްދަތިކަން ފިލައިގެން ގޮސް، މާއުފާވެރި ދިރިއުޅުމަކަށް މަގުފަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުޖުތަމައުގައި ހަމަހަމަ ފުރުސަތުތައް ލިބިގެންވާކަމާއި، ތަފާތުކުރުމެއް ނުގެންގުޅޭކަން އިހްސާސްކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ އެއްވެސް ހޭދައެއް ނުކޮށް، މާބުރަ މަސައްކަތަކާ ނުލައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގެ ވަރަށް މުހިއްމު ހިއްސާއެއް ކަމަށާއި އެ ހިއްސާ ފުރިހަމަވާނީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355