ކުޅުދުއްފުށީ ޕޯޓުން ދޭން ހިދުމަތްތައް އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރި ޝާހިދު އަލީ ދެއްވައިފި އެވެ.
ކުޅުދުއްފުށީ ޕޯޓަށް 16 އަހަރު ފުރުން ފާހަގަކުރުމަށް ހޮނިހިރުދުވަހު ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ކޭޕީއެލުން ދެމުންގެންދާ ހިދުމަތްތައް ރަނގަޅުކުރުމަށް އެމްޕީއެލްގެ ކެޕޭސިޓީގައި ހުރި ހުރިހާ މަސައްކަތެއްކުރާނެ ކަމަށެވެ.
ކުޅުދުއްފުށީ ޕޯޓްގައި ހުންނަވައިގެން އޭނާ ވިދާޅުވީ، މި ޕޯޓުންވެސް ދެވޭ ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައި އެކަމަކަށް އެއްބާރުލުންދީ ވަސީލަތްތައް ފޯރުކޮށްދީ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި އެންމެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކާ އެމްޕީއެލްގެ ފަރާތުން ދެވެން އޮތް އެންމެ ފުރިހަމައަށް ހުރިހާ އެހީތަކެއް ދިނުމަށް އަބަދުވެސް ވަރަށް އިސްކަމެއްދީގެން ކުރާކަމެއްކަމެއް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކޭޕީއެލަށް އިމްޕޯޓްކުރެވޭ 50 އިންސަތަ މުދަލުގެ ޑިއުޓީ މާފުކުރެވޭގޮތަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އޭގެ ސަބަބުން ހަމަ އެކަށީގެންވާ މުދާ މިހާރު މިސަރަހައްދަށް ޑައިރެކްޓްކޮށް އައިސް ކަސްޓަމްސް އިން ކުލިއަރ ކުރެވިގެންދާ ކަމަށެވެ. އަދި އެހެންވުމުންގެ ސަބަބުން ސަރަހައްދުގެ ވިޔަފާރިތަކަށް ފައިދާ ލިބިގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕޯޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަނދަރު ކުޑަވުމުގެ މައްސަލަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ބޮޑެތި ބޯޓްފަހަރަށް ބަނދަރުކުރެވޭނެ ގޮތަކަށް ޕޯޓްގެ ޑިޒައިން ބަދަލުކޮށް އެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާކޮށްފައިވާކަމަށް ވިދާޅުވި އެވެ.
"އެމްޓީސީސީއާ ހަވާލުކުރެވި މަސައްކަތައް ކުރެވެމުންދަނީ. އެ މަސައްކަތް ވަރަށް ބާރަށް ދަނީކުރެވެމުން. މިފަހަރު އަޅުގަނޑުމެންގެ އަމާޒަކީ މި ސަރަހައްދަށް އަންނަ ކޮންމެ ބޯޓަކަށް ކުޅުދުއްފުށި ބަނދަރުން ވީހާވެސް އަވަސް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެ ގޮތަކަށް މި ޕްރޮޖެކްޓް ފަރުމާކުރެވި ޕްރޮޖެކްޓް ނިމިގެންދާއިރު އޭގެ ސަބަބުން އަނެއްކާވެސް މި ސަރަހައްދަށް އިގްތިސޯދީ ކުރިއެރުން ލިބޭނެ ގޮތަކަށް ބައްޓަންވެގެން ދިޔުން." އެމްޑީ ޝާހިދު ވިދާޅުވި އެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެންދާނެކަމުގެ ވަރަށް ބޮޑު އުންމީދު އެބައޮތްކަމަށްވެސް ޝާހިދުގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ބަނދަރުގައި ގިނަ ދުވަހުގެ ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް ފިލާ ހަވާލުކޮށްފައިވެ އެވެ.