twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދަރުމައަށް ޚިދުމަތްކުރުން، ފަސޭހައިން ކުރެވިދާނެ ފައިދާ ބޮޑު މަސައްކަތެއް

Dec 5, 2021

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާ ހެއްޔެވެ؟ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ރަށު އޮފީހުން ކަތީބުގެ ގޮވާލުމަށް ނިކުމެ ދިވެހިން މަސައްކަތްކުރި ދުވަސްވަރަށް ޖެހިލަމާ ހެއްޔެވެ. ރަށުގެ މަސައްކަތްތައް ކުރުމަށް ރަށުގެ ރައްޔިތުން ހިލޭ ސާބަހަށް ނިކުމެ މަސައްކަތްކުރި ދުވަސްވަރެއް ދިޔައެވެ. އަންހެނުންނާއި ފިރިހެނުން، ކުޑަކުދިންނާއި ބޮޑެތި މީހުން އެމަސައްކަތުގައި، ވަރަށް ޖޯޝާއި ފޯރީގައި މަސައްކަތްކުރި ދުވަސްވަރެއް ދިޔައެވެ.

ޒަމާނަށް އައި ބަދަލާއި، އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން އައި ބަދަލުތަކާ ގުޅިގެން އިސްވެ ބަޔާންވެވުނު ބީދައިން، އެފަދައިން ކަންކަން ހިނގާތަން ނުފެނިދާނެއެވެ. އެހެންނަމަވެސް، ދަރުމައަށް ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ މިއަދުވެސް އޮތް، މިއަދުވެސް ކުރަމުން އަންނަ ކަމެކެވެ. އެހެންނަމަވެސް، ކުރިން ފެނުނު ފޯރީގައިކަމަށް ބުނެވެން ނެތެވެ.

ދަރުމައަށް މަސައްކަތްކުރުން ނުވަތަ ދަރުމަވެރިކަމޭ ބުނުމުން ހިތަށް އަރަނީ ކޮން އެއްޗެއްތޯއެވެ؟ ހަމައެކަނި، އެއްވެސް މާލީ އުޖޫރައަކާ ނުލައި ކުރާ ކަމެއްގެ ގޮތުގައި ބާވައެވެ. ތެދެކެވެ. އެއީ އެއްވެސް އުޖޫރައަކާ ނުލައި ކުރާ ކަމެކެވެ. ރަސްމީ މަސައްކަތެއް ނޫނެވެ. އެހެންނަމަވެސް، ރަސްމީ މަސައްކަތަކާ އެއްވަރުގެ މުޙިއްމު މަސައްކަތެކެވެ. އެކަމުގެ ސަބަބުން އެކަން ކުރާ މީހަކަށްވެސް ނުހަނު ގިނަގުނަ ފައިދާތައް ލިއްބައިދޭކަމެއްވެސްމެއެވެ.

ހިލޭ ސާބަހަށް ޚިދުމަތްކުރުމުން ކޮން ފައިދާތަކެއް؟

ބައެއް ފަރާތްތަކުން ދެކޭގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެކެވެ. ލިބޭ ހުސްވަގުތުތައް ބޭކާރުކޮށްލުމެވެ. އެހެންނަމަވެސް، ލޯތްބާއެކު މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ އެފަރާތްތަކަށް އެކި ގޮތްގޮތުން ގިނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ.

އެގޮތުން، މިފަދަ ބައެއް ފައިދާތަކަށް ބަލާއިރު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮވުން ހިމެނެއެވެ. ގިނަ ފަރާތްތަކަކާއެކު، ކުރާހިތްވާ އަދި ބަޔަކަށް އެހީއެއް ފޯރުކޮށްދިނުމުގެ މަސައްކަތެއްގައި ޝާމިލުވެ އުޅޭތީއެވެ. ހަމައެހެންމެ، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިވެ، ބަދަހި މުޖުތަމަޢަކަށްވެސް މިކަމުން މަގުފަހިވެއެވެ.

ސްކޫލު ނިންމާ މަތީ ތަޢުލީމަށް ނުވަތަ ވަޒީފާގެ މާހައުލަށް ތައްޔާރުވަމުންދާ ކުދިންނަށް، މިއީ އެކި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އޮތް ފަސޭހަ މަގެކެވެ. ދިވެހި ރެޑް ކްރެސެންޓްފަދަ ޖަމާއަތަކާ ގުޅިގެން ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ އުނދަގޫކަމަކަށް ނުވާއިރު، ވަޒީފާގެ މާހައުލަށް ކުރިމަތިލާއިރު އެންމެ "ތަދު" ތަޖުރިބާ ހޯދުމަށް މިއީ ރަނގަޅު ގޮތެކެވެ.

2014 ވަނަ އަހަރުގެ ތެރޭގައި މަޝްހޫރު ޖޯން ހޮޕްކިންސް ޔުނިވަރސިޓީ އާއި އިންޓަނޭޝަނަލް ސޮސައިޓީ ފޯރ ތާޑް ސެކްޓަރ ރިސަރޗް އިން ވަނީ ދަރުމަވެރިކަމާއި، އެކަމަށް އެކި ފަރާތްތައް ހިތްޖެހޭ ސަބަބުތަކާއި އަދި އެކަމުގެ ފައިދާތައް ދެނެގަތުމަށް ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ.

މެލޭޝިޔާގައި ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާއިން ހާމަވިގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ މީހާގެ ކަންބޮޑުވުންތަކާއި ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ. ހަމައެހެންމެ، ޑިޕްރެޝަންގެ މިންވަރު ދަށްކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ، ދިރިއުޅުމުގައި ހިތްހަމަޖެހުން ގެނުވައިދޭ ކަމެއްގެ ގޮތުގައި މިކަން ފާހަގަވެފައިވެއެވެ. މި ދިރާސާވަނީ "ވޮލަންޓަސް" ޖާނަލްގައި ޝާޢިއުވެސްކޮށްފައެވެ.

ހިލޭ ސަބަހަށް ޚިދުމަތްކުރުމުން ނުވަތަ ދަރުމައަށް މަސައްކަތް ކުރުމުގެ ސަބަބުން ހަށިގަނޑަށް ލިބެނީ ހަމައެކަނި ނަފްސާނީ ފައިދާތަކެއް ނޫނެވެ. އޭގެ ބަދަލުގައި ޖިސްމާނީ ގޮތުންވެސް އެތައް ފައިދާތަކެއް ލިބެއެވެ. ދަރުމަވެރި ގިނަ މަސައްކަތްތަކަކީ ބުރަކޮށް އެކަމުގައި ޝާމިލުވެ އުޅެންޖެހޭ "ފިޒިކަލް" މަސައްކަތްތަކެވެ. ފުރަތަމަ އެހީގެ ޚިދުމަތާއި، ކުއްލި ޙާލަތްތަކަށް އިޖާބަ ދިނުން، އަދި އެކި ސާވޭތައް ކުރިއަށް ގެންދިއުން ފަދަ މަސައްކަތްތަކަކީ ވަރަށް "އެކްޓިވް" ކޮށް އެކަމުގައި އުޅެންޖެހޭ ކަންކަމެވެ. އެހެންކަމުން، މި ކަންކަމުގެ ސަބަބުން "ނުސީދާކޮށް" ހަށިގަނޑަށް ކަސްރަތު ލިއްބައިދެއެވެ. މިއީ އެކަމުގެ ސަބަބުން ޖިސްމާނީ ގޮތުން އެތައް ފައިދާއެއް ކުރާނެ ކަންކަމެވެ.

ހަމައެހެންމެ، ވޮލަންޓަރީ މަސައްކަތުގެ ތެރެއިން އެތައް ބައެއްގެ ތެރެއަށް ނިކުމެ، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަކީވެސް، އެކަންކަމުގެ ސަބަބުން އެކަންކަމުގައި ޝާމިލުވެ އުޅޭ ފަރާތްތަކަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމެކެވެ. ކަންކަމާ ކުރިމަތިލުމުގެ ހުނަރުތައް ތަރައްޤީވުމާއި، ގޮންޖެހުން ބޮޑު މަސައްކަތްތަކަށް ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކޮށްދޭނެ ކަމެކެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރެވޭނީ ހަމައެކަނި ފްރަންޓްލައިނަށް، މީހުންގެ ތެރެއަށް ނިކުމެގެންތަ؟

ދަރުމައަށް ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރުމުގައި އެންމެ ގިނަ ބަޔަކަށް ކުށްހީއަކަށްވެފައި އޮންނާނީ، އެއީ އެތައް ބައެއްގެ ތެރެއަށް ނިކުމެ، ނުވަތަ ފްރަންޓްލައިން އަށް ނިކުމެ ކުރަން ޖެހޭ، އަދި އެކަން ކުރުމަށްޓަކައި ވަރަށް "ސޯޝަލް" ވާންޖެހޭ ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިއީ މުޅިން ރަނގަޅު، ތެދު ގޮތެއް ނޫނެވެ. ހިލޭ ސާބަހަށް ޚިދުމަތްކުރުމަކީ އެމީހަކު ހުރި ތަނަކަށް، އެމީހެއްގެ ހުރި ހުނަރެއް ބޭނުންކޮށްގެން ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ.

ދިވެހި ރެޑް ކްރެސެންޓްގައިވެސް މި ބީދައިން މަސައްކަތްކުރުމުގެ އެތައް ފުރުޞަތެއް ހުޅުވާލެވިފައިވެއެވެ. އެގޮތުން، ކޯވިޑްގެ އެންމެ ނުރައްކާތެރި ދުވަސްތަކުން ފެށިގެން މިއަދާ ހަމައަށް ދެމުން އަންނަ ނަފްސާނީ އިޖުތިމާޢީ އެހީ (ސައިކޯ-ސޯޝަލް ސަޕޯޓް)ގެ ހޮޓްލައިންގައި ވޮލަންޓިއަރުން މަސައްކަތް ކުރަމުންދަނީ، އެފަރާތެއް ހުރި ތަނަކުން، އޮންލައިން ކޮށެވެ.

ހަމައެހެންމެ، އެންމެންގެ ތެރެއަށް ނުނިކުމެ، ވޮލަންޓިއަރ ކުރުމުގެ އެތައް ފުރުޞަތުތަކެއްގެ ދޮރުވެސްވަނީ ހުޅުވިފައެވެ. އެގޮތުން އެކިއެކި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުންވެސް މީގެތެރޭގައި ހިމެނެއެވެ.

ދަރުމައަށް މަސައްކަތްކުރަން ދިވެހި ރެޑް ކްރެސެންޓްގައި ކޮން ފުރުޞަތުތަކެއް؟

ދިވެހި ރެޑް ކްރެސެންޓަކީ ވަކި ޤާނޫނެއްގެ ދަށުން (ދިވެހި ރެޑް ކްރެސެންޓްގެ ޤާނޫނު، 7/2009) އުފެދިފައިވާ، ވަކި ޤާނޫނީ ބާރުވެރިކަމެއް ލިބިފައިވާ މިނިވަން މުސްތަޤިއްލު ޖަމާއަތެކެވެ. މި ޖަމާއަތުގެ އަސާސީ މަޤުޞަދަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީ ފޯރުކޮށްދީ، އެފަރާތްތައް އެފަދަ ޙާލަތްތަކުން ސަލާމަތްކޮށް ރައްކާތެރިކޮށްދިނުމެވެ.

މި ޖަމާއަތަކީ ދުނިޔޭގައި އިންސާނިއްޔަތަށް މަސައްކަތް ކުރާ އެންމެ ބޮޑު ހަރަކާތްކަމުގައިވާ ބައިނަލްއަޤުވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ހަރަކާތުގެ މެންބަރެއްވެސްމެއެވެ. މި ހަރަކާތުގެ އެކި ބައިވެރިން ވަނީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެންވެސް ރާއްޖެއަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން މައިގަނޑު ހަ ދާއިރާއެއްގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދާއިރާތަކުގެ ތެރެއިން ދަރުމަވެރިންނާއެކު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކުއްލި ޙާލަތަށް އިޖާބަ ދިނުމުގެ ކަންކަމާއި، ފުރަތަމަ އެހީއާއި ނަފްސާނީ އިޖުތިމާޢީ އެހީތެރިކަން، ވިލުންވެރިކަން އިތުރުކުރުމާއި ގުޅުންހުރި ކަންކަން، ތިމާވެއްޓާއި، ޞިއްޙީ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތައް، މުޖުތަމަޢުގެ ނާޒުކު ފަރާތްތަކުގެ ގޮތުގައި ހިމެނޭ އިސްރަށްވެހީންނާއި ބިދޭސީ މަސައްކަތްތެރީންގެ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތައް އަދި އިންސާނިއްޔަތުކަމުގެ ރޫހު އިތުރުކުރުމުގެ މަސައްކަތްތައް މީގެތެރޭގައި ހިމެނެއެވެ.

މިއިން ކޮންމެ ދާއިރާއަކުންވެސް އަދި މި ނޫނަސް ރެޑް ކްރެސެންޓް އިން މަސައްކަތްކުރާ ދާއިރާތަކުން އެކި ކަންކަމުގެ ޝާމިލުވެ އުޅުމުގެ ފުރުޞަތު ދަނީ ވޮލަންޓިއަރުންނަށް ހޯދައިދެމުންނެވެ. ހަމައެހެންމެ، މި ދާއިރާތަކުން އެކި ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދީ، ދަރުމަވެރިން ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުން ހޯދައިދޭ ތަމްރީނުގެ ފުރުޞަތުތަކާއި ވޮލަންޓިއަރކުރުމުގެ ފުރުޞަތުތައްވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355