އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަން އިސްލާހު ގެނައުމުގެ ބިލު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މިދިޔަ ނޮވެމެންބަރު 30 ވަަނަ ދުވަހު ބޭއްވި މަޖިލީހުގެ މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލުގެ ސަބަބުން ދިވެހިން ނަމުގައި ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމެވެ.
މި އިސްލާހުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ށ)ގެ ދަށުން ހުރި ނަމްބަރުތަކުގައިވާ އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ މައުލޫމާތުތަކުގެ ތެރެއިން ބައެއް ނަމްބަރުތައް އުނިކުރުމަށް ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން މި ގާނޫނުގެ އަށްވަނަ މާއްދާގެ (ށ)ގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވޭނެ މުއްދަތު ކަމަށް ބަޔާންކޮށްފައިވާ ފަަސް އަހަރު ދުވަހުގެ މުއްދަތު 10 އަހަރަށް ބަދަލުކޮށްފައިވެ އެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އާ ކުރުމަށް ގާނޫނުގައި ދީފައިވާ 90 ދުވަހުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްފައިވެ އެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހުގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބިދޭސީ އަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާތިލްކުރެވިދާނެ ހާލަތެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނާ ހިލާފުވުމުން އެ ކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި 1000ރ. އާއި 20،000 ރުފިޔާއިން މިހާރު ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް އެ ޖޫރިމަނާ 100،000 ރުފިޔާއަށް ބޮޑު ކުރަން ބިލުގައި ހިމަނައިފައި ވެއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި، ގެޒެޓު ކުރަންޖެހެ އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ތަސްދީގުކޮށް ގެޒެޓް ކުރުމާ ގުޅިގެން ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.