ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
މިދިޔަ ނޮވެމެންބަރު 29 ވަަނަ ދުވަހު ބޭއްވި މަޖިލީހުގެ މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ފާސްކުރި މިބިލު، ބިލް ދިރާސާކުރި ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުން ފާސްކުރީ 52 މެމްބަރުންގެ ވޯޓާއެކު އެވެ.
ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްސީލް ކަނޑައަޅައި ބަޔާންކޮށްދީފައިވެ އެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް ވެސް އިސްލާހު ގެނެސްފައިވާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ވެސް ވަނީ ހިމަނާފަ އެވެ. އަދި އެކަމުގެ ހަމަތަކާއި އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.
ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ތަސްދީގުކޮށް ގެޒެޓް ކުރުމާ ގުޅިގެން ޖިންސީ ކުށުގެ ގާނޫނަށް އައި އިސްލާހުތަކާއެކު މިގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ. މިބިލަށް ވަނީ ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ.