ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓައިދޭން ދައުލަތުން އެދުނު އަމުރު ނެރެދެވޭކަށް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ މިއަދު ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ރައީސް ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދިފައި ވާތީ އެކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމެއްގަ އެވެ.
އިއްޔެ ކޯޓުގައި ދައުލަތުގެ ފަރާތުން ވަނީ ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެކަން ފާހަގަކުރައްވާ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފަ އެވެ. ދައުލަތުން ބުނެފައިވަނީ އެއީ އެމަނިކުފާނު ކުށެއް ކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ.
ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެކަން ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.
ޔާމީންގެ ފަރާތްޕުޅުން ޖަވާބުދާރީވުމަށް ދެ ހަފްތާގެ ވަގުތެއް ދެއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް އިސް ގާޒީ އަހުމަދު
ޝަކީލް އިއްޔެ ހެނދުނު ނިންމެވީ އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބުދާރީވުމަށާއި އަދި ގޮތެއް ނިންމެވުމަށް ހަވީރު އަޑުއެހުމެއް ބޭއްވުމަށެވެ.
އެހެންކަމުން ހަވީރު ބޭއްވި އަޑުއެހުމުގައި ޖަވާބުދާރީވަމުން ޔާމީންގެ ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެފައި ވަނީ ދައުލަތުގެ ފަރާތުން ފޯމާ އެކީ އެއްވެސް ހެއްކެއް އަދި ފިލައިގެން ގޮސްދާނެ ކަމަށް ދައުލަތުން ތުހުމަތުކުރާ ސަބަބު ވެސް ބަޔާންކޮށްފައިނުވާ ކަމަށާއި އެ ހެކިތައް ދައްކަން ޖެހޭނެ ކަމަށާއި ރައީސް ޔާމީން އަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށްވެސް ޝިޔާޒް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނުގެ އަތްޕުޅުގައި މިވަގުތު ވެލިޑް ޕާސްޕޯޓެއް ނެތް ކަމަށް ވެސް ވިދާޅުވަމުން ޝިޔާޒް ވަނީ މިއަހަރުގެ ޖެނުއަރީމަހު ޕާސްޕޯޓު މުއްދަތު ހަމަވެފައިވާ ކަމާއި މިވަގުތު އެ އަމުރު ނެރެގެން ނެރެވޭނެ އެއްވެސް ނަތީޖާއެއް ވެސް ނެތްކަން ފާހަގަކުރައްވާފަ އެވެ.
މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލައިގައި ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓޭވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ފިލައިގެން ދާން އުޅޭކަމުގެ އެއްވެސް ހެއްކެއް އެ ފޯމުގައި ބަޔާންކޮށްފައިނުވާ ކަމަށް އަދި ހިފަހައްޓަން އެދުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްކަން އެނގެން އޮތް ކަމަށް އިސްގާޒީ ވަނީ ވިދާޅުވެފަ އެވެ.
ގާޒީ ޝަކީލް ނެރުއްވި އަމުރުގައި ވަނީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފެހެއްޓެން ނެތް ކަމަށާއި ރައީސް ޔާމީން ޕާސްޕޯޓު އާކޮށްގެން ރާއްޖެއިން ފުރަން އުޅޭކަމުގެ ހެކި ލިބިއްޖެނަމަ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދެވޭނެކަމަށް ވެސް ގާޒީގެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.