އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އިދިކޮޅުން އިސްވެ ފަށާފައިވާ ހަރަކާތުގެ ދަށުން "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅުގެ ޕީޕީއެމް/ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯދުމަށް އެމަނިކުފާނާ ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށެވެ. މި ދަތުރުތަކުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ރައީސް ޔާމީނާ އެކީގައި އެބަ ދާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ރައްޔިތުން މިވަގުތުން ފެށިގެން ކުރަންވީ ކަމަކީ މި ކޯލިޝަނުން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައިފައި އޮތް މިނިވަންކަމުގެ ދިފާއުގައި ދިވެހިން މި ޕެޓިޝަނަށް ސޮއި ހޯދުން ކަމަށެވެ.
މިދަތުރުފުޅު ވެގެންދާނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ދެ އަހަރަށްފަހު ޖަލުން މިނިވަންވެ ރައްޔިތުންނާ ބައްދަލުކުރައްވަން ރަށްތަކަށް ޔާމީން ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.
އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަތޮޅުތެރޭގައި "އިންޑިއާ އައުޓް" ކެމްޕޭން ފުޅާކުރުމަށް ކަމަށް މީގެކުރިންވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން މިދިޔަ ހުކުރުދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ވަރަށް އިންޑިއާގެ ނުފޫޒު ގަދަކޮށް، ބާރުވެރިކަން ހިންގަން މަސައްކަތްކުރާ ކަމަށާއި މިއީ އެ ގައުމުގެ އަވަށެއް ނޫން ކަމަށް އަދި މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބަން ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ވަނީ ހިޔާނާތްތެރި ރޭވުމެއްގެ ދަށުން ކަމަށާއި މިގައުމުގެ އަމަން ބަލަހައްޓަން މިތަނުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭނެ ކަމަށާއި އަދި އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަންކަމަށް ވެސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.