މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގެ މަސްވެރިންނަށް ޑިނަރ ނައިޓެއް ބާއްވަން ސިޓީ ކައުންސިލުން ނިންމައިފި އެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރުމަހުގެ ދިހަވަނަ ދުވަހެވެ.
ސިޓީ ކައުންސިލްގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކައުންސިލުން ތައްޔާރީތަކެއްވަމުން އަންނައިރު އެކަމަށް އަތޮޅު ކައުންސިލުންވެސް ބަޖެޓެއް ކަނޑައަޅައި ކޮންމެ ރަށަކަށް ދިހަހާސް ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށެވެ.
އެހެންވުމުން ކައުންސިލުން ކުރިން އެކަން ކުރަން އަންދާޒާކުރެވުނު ހަރަދު ބޮޑުތަކުން ކުޑަކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ. އެކަމަކުވެސް އަތޮޅު ކައުންސިލުން ދިނުމަށް ނިންމި ބަޖެޓަށްވުރެ އިތުރަށް ހަރަދު ހިންގާނެތީ އެކަމަށް ސިޓީ ކައުންސިލުން ބަޖެޓެއް ވަނީ ކަނޑައަޅައި ފާސްކޮށްފަ އެވެ.
މަސްވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސޯދުގެ އެއްބައި ހިއްސާކުރާ ސިނާޔަތަށް ނިސްބަތްވާ މަސައްކަތްތެރިންތަކެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ.މި ރަށުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކާ މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
މިއަހަރު މަސްވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ޑިނަރ ނައިޓްގައި މަސްވެރިންނަށް އުފާވެރި ހަބަރެއް ހިއްސާކުރެވިގެންދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މެމްބަރު ރިލްވާނު މުހައްމަދު ވިދާޅުވީ، މަސްވެރިން ކުރާ ބުރަ މަސައްކަތަކީ ހަމައެކަނި ޑިނަރ ނައިޓަކުން އަގުވަޒަން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއަށްވުރެ ގިނަ ކަންތައްތަކެއް މަސްވެރިންނަށް އެބަ ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
އެކަމަކު އަދި މިއަދު އެ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ފުރިހަމަ ކޮށްނުދެވުނުކަމުގައިވިޔަސް ކުރިއަށްއޮތްނުގައި މަސްވެރިންނަށްޓަކާ މިއަށްވުރެ ބޮޑެތި ކަންތައްތަކެއް ކުރަން އެބަހުރި ކަމަށާއި އެގޮތުން ކުރިއަށް އޮތްތަނުގައި އައިސްޕްލާންޓެއްވެސް ގާއިމުކުރެވިދާނެކަމަށް އޭނާ ވިދާޅުވި އެވެ.