twitterviber whatsapp telegramfacebookyoutube instagram
7th May 2024

ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން: ރައީސް

ނަބީލާ އިސްމާޢީލް
Dec 10, 2021

ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން، ހުދުމުހުތާރުވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުންނެވެ.

ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ހުދުމުހުތާރުވެރިން ހުއްޓުވުމަށާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.

ވާޗުއަލްކޮށް ކުރިޔަށްގެންދާ މި ސަމިޓުގައި ގައުމުތަކުގެ އިސް ލީޑަރުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި ބަައިވެރިވެވަޑައިގަތެވެ. ޑިމޮކްރެސީތަކަށް ހުރި ފުރުސަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކަށް އަމާޒުކޮށް ކުރިޔަށް ގެންދާ މި ސަމިޓަކީ ޑިމޮކްރަސީއާ އިންސާނީ ހައްގުތައް ދިފާއުކުރުމާއި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ލީޑަރުން ވެވަޑައިގެންފައިވާ ވައުދުތައް ހިއްސާކުރެއްވުމަށް ވެސް އޮތް ޕްލެޓްފޯމެކެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެޓިކް ހަމަތައް ބޮއްސުންލާންފަށައި އިންސާނީ ހައްގުތަކަށް އަރައިގަތުން އިތުރުވަމުންދާ މި ދަނޑިވަޅަކީ މިފަދަ ސަމިޓަކަށް އެންމެ މުނާސަބު ވަގުތު ކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރާއިރު ޑިމޮކްރެސީ ހަރުދަނާކުރުމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރައީސް ސޯލިހް ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ޚުދުމުޚުތާރުވެރިން ހުއްޓުވުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ދެއްވާފައެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި ޖަވާބުދާރީވުން އިތުރުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރު އޮތް މާލިއްޔަތު ޤާނޫނާއި ގަވާއިދު އިޞްލާޙުކޮށް، ޤާނޫނީ އޮނިގަނޑުގައި ހުރި ފަރަޤުތައް ނައްތާލުމަށް އަމާޒު ހިފައިގެން މަސައްކަތްކުރަމުންގެންދާކަން ފާހަގަކުރައްވައި މިކަންކަމާއެކު "އޯޕަން ޕާޓްނާޝިޕް"އަށް މަގުފަހިވެ، މިހާރަށްވުރެ ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރަކަށް ވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ނާޖާއިޒު ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް މަގުފަހިކޮށްދީ އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ޖުޑިޝަރީ ހަރުދަނާކޮށް މިނިވަންކަން އިތުރުކުރުމާއި މި ދާއިރާއިން ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މުހިންމު މަސައްކަތްކުރަނީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް މިނިވަން ޝަރުޢީ ނިޒާމެއްގެ މުހިންމުކަން ބޮޑުވީމާ ކަމުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ޤައުމީ ތަރައްޤީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މިހާރުވެސް ތަޢުލީމީ ދާއިރާގެ 78 އިންސައްތަ ހިއްސާކުރަނީ އަންހެނުންކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ދާދިފަހުން ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ކޮންމެ ކައުންސިލެއްގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ރަށްރަށުގައި މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަމިޓް ފޯ ޑިމޮކްރަސީ"ގެ ނަމުގައި ވަރޗުއަލްކޮށް ކުރިޔަަށް ގެންދިޔަ މިސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މިފަދަ ފުރަތަމަ ސަމިޓެވެ. އަދި ސަމިޓް އިންތިޒާމުކުރި ފަރާތްތަކުން 2022 ވަނަ އަހަރު އިން-ޕާސަން ސަމިޓެއް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355