twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބަރަކޫޑާއާއި ބްލޫ މާރލިންސް ބައްދަލުކުރި މެޗުން ބަދަހި ހިރަފުސް ކަޕް ފަށައިފި

މުޙައްމަދު އަހުމަދު
Dec 11, 2021

2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ބަދަހި ހިރަފުސް ކަޕް 2021 ގެ ނަމުގައި ހިރަފުސް ފުޓްބޯޅަ ޓީމުން ބާއްވާ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ.

މިމުބާރާތަކީ "ހީވާގި މަސްވެރިންނާއެކު ހިރަފުސް" މިޝިއާރުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ފެށެން ހަމަޖެހިފައި އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުން މުބާރާތް 11 ޑިސެމްބަރަށް ފަސްކުރެވުނެވެ.

މިމުބާރާތުގައި 6 ޓީމަކުން ވާދަކުރެ އެވެ. އެއީ ބަރަކޫޑާ، ބްލޫ މާރލިންސްގެ އިތުރުން ވައިލެޓާއި ރެޑް ސްނެޕާސް އަދި ސްޕީޑީ ޖޫސްއާއި ފެމެލީ ބޭކަރީ އެވެ.

މުބާރާތް ހުޅުވި މެޗުގައި ބައްދަލުކޮށްފައިވަނީ ބަރަކޫޑާއާއި ބްލޫ މާރލިންސް އެވެ. މިމެޗު 2 - 1 ން ކާމިޔާބުކުރީ ބަރަކޫޑާ އެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ބަރަކޫޑާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 2 ހުސެއިން މުހައްމަދު (ޕޮލީ) އެވެ. ޕޮލީ މިލަނޑު ކާމިޔާބުކުރީ މެޗުގެ އެއްވަނަ މިނެޓުގަ އެވެ.

މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބަރަކޫޑާއިންނެވެ. 1 - 0 ގެ ލީޑެއްގައި އޮއްވާ ބްލޫ މާރލިންސްގެ ޖާޒީ ނަމްބަރު 20 އަބޫ ބާޑޭ ވަނީ އެޓީމަށް އެއްވަރުކޮށްދީފަ އެވެ. 1 - 1 ން އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން 59 ވަނަ މިނެޓުގައި ބަރަކޫޑާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު އަލުން ނަގާފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 8 ހުސެއިން އަބްދުއްރަޝީދު (ބިގޭ) އެވެ.

މެޗުގައި ބަރަކޫޑާއިން އިތުރު ދެލަނޑު ޖެހި ނަމަވެސް ރެފްރީ ވަނީ އެދެލަނޑަކީ އޮފްސައިޑެއް ކަމަށް ނިންމާފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަރަކޫޑާގެ ޖާޒީ ނަމްބަރު 2 ހުސެއިން މުހައްމަދު (ޕޮލީ) އެވެ.

މިމުބާރާތުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ޒުވާނުން ބައްދަލުވެ، އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިކަން އާލާކުރުމާއި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް ފުޓްބޯޅަ ކުރިއަށް ގެންދިއުމާއި ހަވީރު ހިރަފުސް ދަނޑަށް ކުޅެން ދިއުމަށް ކުޅުންތެރިންނަށް ބާރުއެޅުމެވެ.

މީގެ އިތުރުން ހިރަފުސް ދަނޑަށް ކުޅެންދާ ހުރިހާ ފަރާތްތަކަށް ތަފާތު ކުރުމެއް ނެތި ފުޓްބޯޅަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިން ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން އުފެއްދުމަކީ ވެސް މިމުބާރާތުގެ މަގްސަދެކެވެ.

މިމުބާރާތަކީ ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ނިމިދިޔަ 2020 ވަނަ އަހަރުވެސް ހިރަފުހުން ވަނީ ބަދަހި ހިރަފުސް ކަޕް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. މިއީ 11 އަސައިޑް މުބާރާތެކެވެ.

މިމުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ ސްޕީޑީ ޖޫސްއާއި ފެމެލީ ބޭކަރީ އެވެ. މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355