twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރައްޔިތުންގެ މަންދޫބުންނަށް އެއްވެސް ނުފޫޒެއް ނޯންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Dec 13, 2021

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެއްވޭނެ ކަމަށާއި އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި އެޗްއާރްސީއެމް އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ، އެޤައުމެއްގެ ރައްޔިތުން ކަމަށާއި ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ހައްގުގެ ބޭނުންހިފާ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި މީގެ ތިން އަހަރު ކުރިން، ރައްޔިތުންގެ މަންދޫބުންނަށް ވެސް މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއް ހިނގައްޖެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރައްޔިތުންގެ ބަސް އިއްވެވުމަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކަކީ، އަންހެނުންގެ ސިޔާސީ އަދި މަދަނީ ޙައްޤުތައް ލިބިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ 33 އިންސައްތައަށްވުރެ މަތީ ނިސްބަތެއް މިހާރު ޙިއްޞާކުރަނީ އަންހެނުން" އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެ ކަމަށް ވިދާޅުވިއެވެ. އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި މި ހޭދަވި ދެ އަހަރެއްހާ ދުވަހުގެ ތަޖުރިބާއިން މުޅި ދުނިޔެއަށް ވެސް މިހާރު ޤަބޫލު ކުރެވެނީ، މި ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ކަމަށެވެ.

"މި ބަލިމަޑުކަމުން އަރައިގަނެވޭނީ، މިބައްޔާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައި ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކާ ދެމެދު، އަދި މުއްސަނދި ޤައުމުތަކާއި ފަޤީރު ޤައުމުތަކާ ދެމެދު، ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެންކަން ބައިނަލްއަޤުވާމީ މުޖްތަމަޢު މިއަދު ގަބޫލުކުރޭ،" ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355