ތަރައްގީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު މިހެން ވިދާޅުވީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރޭ ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން މުޅިރާއްޖޭގައި ބާރަށް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކުގައި ތަރައްޤީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމުގައި ވިދާޅިއެވެ. ހަމަ އެހެންމެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް، ރައްޔިތުންނަށް ވީ ވައުދުތައް ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ފުވައްމުލަކު ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ މައްޗަށް އަލިއަޅުވާލައްވަމުން މިއީ ޒަމާނުއްސުރެ ފުވައްމުލަކުގެ ރައްޔިތުން އިންތިޒާރުކުރަމުންއައި މަޝްރޫއެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށިގެން ދިޔަ މި މަޝްރޫއުއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުންދިޔަ މަޝްރޫއެއްކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ އެމަނިކުފާނުވަނީ ސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދަވާ ކަން ފާހަގަކުރައްވައި އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ ވަނީ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.
މި މަޝްރޫއުގެ ދަށުން އެސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 300,343,050 ގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 606 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭއެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕެއަރ ވިންތަރ ލާސަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުންސިންގ އެންޑް އިންފްރާސްޓަރކްޗަރ މުހައްމަދު އަސްލަމްއާ ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓާންޔާ ގޮންގްރިޖް އެވެ.
މި ރަސްމިއްޔާތުގައި ނައިބުގެ އިތުރުން ވަޒީރުންނާއި ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓާންޔާ ގޮންގްރިޖްގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި އެސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބު ރައީސް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގައެވެ.