ހުރިހާ މަސްވެރިންގެ އަރިހުން އެންމެ ބޮޑަށް އެދެނީ ކުޅުދުއްފުށީގައި ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ވައްދާ ޒުވާނުން މިމަސައްކަތަށް އިތުރުކޮށްދިނުމަށް ކުޅުދުއްފުށީގެ މަސްވެރިންގެ އަރިހުން މޭޔަރު މުހައްމަދު އާތިފް އެދިވަޑައިގަންނަވައިފި އެވެ.
މޭޔަރު މިކަމަށް އެދިވަޑައިގެންނެވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގެ މަސްވެރިންނަށް ހާއްސަކޮށްގެން ސިޓީ ކައުންސިލުން ބޭއްވި ޑިނަރ ނައިޓްގައި ވާހަކަދައްކަވަމުންނެވެ.
ޒުވާނުން މި ސިނާއަތް ތެރޭގައި އިތުރުކުރުމަކީ މިއަދު ކުރަން ޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ކައުންސިލްގެ ވޯކް ޕްލޭންގައި ކުރިއަށް އޮތް ފަސް އަހަރަށް ވެސް މަސްވެރިކަން ތަރައްގީކުރުމަށް ކުރެވޭނެ ކަންތައްތައް ހިމަނާފައިވާނެ ކަމަށެވެ. އަދި މަސްވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި މަސްވެރިންނާއެކު މަސައްކަތްކޮށްގެން މިކަން ކުރަން ބޭނުންވާކަން މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު އެދެން ހުރިހާ އޮޑިވެރިންނާއި ކެޔޮޅުންނާއި ފަޅުވެރިންގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑުމެންނަށް އެކަމުގައި އެހީތެރިކަން ދޭން މިރަށުގައި ޒުވާނުން މިސިނާއަތަށް ވައްދާ ޒުވާނުން މިމަސައްކަތަށް އިތުރުކޮށްދިނުމަށް." މިދިޔަ ހުކުރު ދުވަހު ބޭއްވި ޑިނަރ ނައިޓްގައި މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކުޅުދުއްފުށީގެ މަސްވެރިކަމުގެ ސިނާއަތަށް ބަލާލިއަސް ވޭތުވެދިޔަ އަހަރުތަކަށްވުރެ މަސްވެރިކަމުން ލިބޭ ނަފާ ތަންކޮޅެއް ކުޑަވެފައިވާ ކަމަށެވެ.
"ކުޅުދުއްފުށީގެ މަސްވެރިކަމުގެ ސިނާއަތަށް ބަލާލިއަސް އަޅުގަނޑުމެން ވޭތުވެދިޔަ އަހަރުތަކަށް ވުރެ އަޅުގަނޑަށް ފާހަގަކުރެވުނީ މަސްވެރިކަމުން ލިބޭ ނަފާ މިވަނީ ތަންކޮޅެއް ކުޑަވެފަ."
އެއީ މުޅި ކުޅުދުއްފުށީގެ ގިނަ އާއިލާތަކެއް ބިނާވެފައި ކުރީގައި އޮތް އެއްކަމަކީ ލޭނުގެ މަސްވެރިކަން ކަމަށާއި އެކަމަކު އެކަން ހުއްޓުމާ ގުޅިގެން އެތައް އާއިލާއެއްގެ އާމްދަނީތައް ހުއްޓިގެންދިޔަކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އަންނަ އަހަރު ކުޅުދުއްފުށި ސިޓީގައި 100 ޓަނުގެ ސްޓޯރޭޖަކާއެކު 50 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރާނެކަމުގެ އުފާވެރި ހަބަރު މޭޔަރު ވަނީ މިބައްދަލުވުމުގައި މަސްވެރިންނަށް ދެއްވާފަ އެވެ.
އައިސްޕްލާންޓްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށޭނެކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ދެއްވާފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މި އައިސްޕްލާންޓް ވެގެންދާނީ އުތުރުގައި ގާއިމުކުރެވޭ އެންމެ ރަނގަޅު އައިސްޕްލާންޓަށް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ މަސްވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މުހިންމު ބައެއް އަދާކުރާ ބައެއްކަން ފާހަގަކުރަމުން މޭޔަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި މަސްވެރިންގެ ފަރާތުން މަންފާ ނުލިބޭ އެއްވެސް އާއިލާއެއް ހަމަ ޔަގީނުންވެސް ނުހުންނާނެ ކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖެއަށްވެސް އަދި މުޅި ދުނިޔެއަށް ވެސް ކޮވިޑްގެ ބަލިމަޑުކަން ފެތުރި މުޅި ދުނިޔެ އެބަލިމަޑުކަން ތަހައްމަލުކުރަމުން ދިޔަ ވަގުތެެއްކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ރާއްޖެއަށް ހަމަ ޑޮލަރެއް އެއްވެސް އެއްޗެއް ލިބޭނެ ގޮތެއް ނެތިފައި އޮތް ހާލަތެއްގައި ދިވެހި މަސްވެރިންގެ ހިތްވަރުން ވޭތުވެދިޔަ ދެ އަހަރު ހިފެހެއްޓިފައިވާކަމަށެވެ.
ހަމަ އެދުވަހު ޔަގީނުންވެސް މަސްވެރިން ނުކުމެ އެ ހިތްވަރު ނުކުރިނަމަ އަޅުގަނޑުމެންގެ ރާއްޖެ މިއަދު މިހާލަތުގައި ނޯންނާނެކަމަށް މޭޔަރު ވިދާޅުވި އެވެ.