ޓިއުޝަން ކުލާސް ހިންގާ ތަންތަން ހިމެނޭ ގޮތަށް، ސްކޫލުތައް ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއް އެޑިއުކޭޝަން މިނިސްޓްރީގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
މި ގަވާއިދުގެ ދަށުން ޓިއުޝަން ނަގައިދޭ ތަންތަނާއި ޕްރީ ސްކޫލުތަކާއި ގުރުއާން ކިޔަވައިދޭ ތަންތަނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުލާސްތައް ނަގައިދޭ ތަންތަނުގެ އިތުރުން ކުޑަކުދިންނަށް އެކި ކަހަލަ ތައުލީމުތައް އުގަންނައިދޭ ތަންތަން އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
ސްކޫލު ފިޔަވައި ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދެއް އެކުލަވާލީ މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ތައުލީމީ ގާނޫނުގެ ދަށުންނެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށިއިރު، ރަޖިސްޓަރީނުކޮށް ހިންގަމުންދާ ކިޔަވައިދޭ ތަންތަން ދެ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އަދި އޭގެ ކުރިން ރަޖިސްޓްރީކޮށްފައި ހުރި ތަންތަން ދޮޅު އަހަރުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ވަނީ ބުނެފަ އެވެ.
މި ގަވާއިދުގައި ވަނީ ސްކޫލް ފިޔަވާ ކުޑަކުދިންނަށް ކިޔަވައިދޭ އިތުރު ތަންތަނުގެ މަސްއޫލުވެރިންގެ ހުންނަ ޖެހޭ ޝަރުތުތަކާއި އަދާކުރަން ޖެހޭ ޒިންމާތަކާއި އަދި ކިޔަވައިދޭ އިމާރާތުގައި ފުރިހަމަ ވާން ޖެހޭނެ ކަންކަން ވެސް ހިމަނައިފަ އެވެ.
މި ތަންތަން ރަޖިސްޓްރީކޮށް ދޭނީ މިނިސްޓްރީން ކިޔަވައިދޭ ތަނެއްގައި ފުރިހަމަވާން ޖެހޭ ކަމަށް ކަނޑައަޅާފައިވާ "މިނިމަމް ސްޓޭންޑަޑް ފެސިލިޓީސް" އަށް ފެތޭ ނަމަ އެވެ. އަދި މި ތަންތަނުގައި ކިޔަވައިދޭ ޕްރޮގުރާމްތައް ވެސް ވަކިން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.