twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށިން ސިންގަޕޫރާއި ޔޫރަޕަށް ގުޅުވާލަދޭ ސަބްމެރިން ކޭބަލެއް އުރީދޫން އަޅަނީ

Dec 13, 2021

އުރީދޫއިން ޕީސް ސަބްމެރިން ކޭބަލެއް މެދުވެރިކޮށް، ކުޅުދުއްފުށި ސިޓީއާއި ސިންގަޕޫރާއި ޔޫރަޕުގެ ގައުމުތައް ގުޅުވައިލަދޭ ކަނެކްޝަނެއް ގާއިމްކުރަން ނިންމައިފައިވާކަން އިއުލާނުކޮށްފިއެވެ.

އުރީދޫން އިތުރަށް ބުނީ ކޭބަލް ކަނެކްޝަނަށް ކުޅުދުއްފުށި ހިޔާރުކޮށްފައިވަނީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ހިދުމަތްތަކާއެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. މި ކަނެކްޝަންގެ ތެރެއިން ޔޫރަޕުގެ 15 ގައުމެއްގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަދި އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށާއި މި ކޭބަލް ވެގެންދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭ އަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އާ ވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްގީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

ޕީސް ކޭބަލަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަގްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ.

އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއު އާއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ރާއްޖޭގެ ފުރަތަމަ ރަށަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355