twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކައުންސިލުން ދަތުރުފަތުރުގެ ހިދުމަތްތައް ދޭ ބިލް ތަސްދީގު ކޮށްފި

ނަބީލާ އިސްމާޢީލް
Dec 14, 2021

އެއްގަމު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް ދިނުމުގެ ބާރު ކައުންސިލްތަކަށްދޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

މި ބިލުގައި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް 1-5 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، ކަމާގުޅޭ ގަވާއިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި، ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް، އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ގަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

ޤާނޫނު ނަންބަރު 1978/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލާއި ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް މި ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓުގައި ޝާއިއު ކުރަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 1978/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355